ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ދިނުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން ޅ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމުކޮށްފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަޝްރޫޢުގެ ދަށުން އެންމެ ފަހުން އޭޓީއެމް ޤާއިމްކޮށްފައިވަނީ ޅ. އޮޅުވެލިފުށީގައެވެ. މިހާތަނަށް ޖުމްލަ 18 އަތޮޅެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ވަނީ ޤާއިމްކޮށްފައެވެ. މިހާރު އޭޓީއެމް ޤާއިމްކުރަން ބާކީ އޮތީ ލ. އަތޮޅާއި އައްޑޫ ސިޓީގައި އެކަނި ކަމަށާއި، މި މަހުގެ ތެރޭގައި އެ ދެ ސަރަޙައްދުގައިވެސް އޭޓީއެމް ޤާއިމްކޮށް މުޅި މަޝްރޫޢު ނިންމުމަށް ވަނީ ރޭވިފައެވެ.
އޮޅުވެލިފުށީގައި އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، “ފައިސާ ޖަމާކުރެވުނީމަ އެ ފައިސާ ބޭންކިންގ ނިޒާމުގެ ތެރެއަށް ވެދެގެން ދިޔުމުން، އެކި ބޭފުޅުން އަތުގައި ހުންނަ ފައިސާ ކިތަންމެ ކުޑަ މިންވަރެއްވިޔަސް ޖަމާވެގެންދިޔުމުން، އިގްތިޞާދަށް އޭގެ ރަނގަޅު އަސަރުތަކެއް ކުރާނެ.”
މި މަޝްރޫޢަކީ “މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް” ގެ ނަމުގައި މިދިޔަ އަހަރުގެ ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ފެށި މަޝްރޫޢެކެވެ. މީގެ ކުރިން އޭޓީއެމްގެ ޚިދުމަތް ނުލިބޭ ރަށްރަށުގެ ރައްޔިތުން މި ޚިދުމަތް ހޯދުމަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ ކަމަށާއި، އެކަން ވެފައިވަނީ ވަރަށް ބޮޑު ތަކުލީފަކަށެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއް ޤާއިމްކޮށްފައެވެ. މީގެ ތެރޭގައި 20 އަތޮޅުގައި 42 ބްރާންޗް، 193 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު، އަދި 251 އޭޓީއެމްގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ހިމެނެއެވެ.

