އަތޮޅުތެރޭގެ ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަކީ ބޭކާރުކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރިނަމަވެސް، ރައްޔިތުންގެ ފަރާތުން ފެންނަނީ އެ ޚިދުމަތަށް ބޭނުންވެފައިތިބި މިންވަރުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޅ. އޮޅުވެލިފުށީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އަތޮޅުތެރޭގެ ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަކީ ޒަމާނަށް ނުފެތޭ ކަމެއްގެ ގޮތުގައި ސިފަކޮށް، އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އެކަމަށް ކުރިމަތިވަމުން އަންނަ ކަމަށެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތަކީ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން ރައްޔިތުންނާ ގާތުން ފޯރުކޮށްދެއްވުން ކަމަށާއި، އެ ސިޔާސަތުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ.
“އަޅުގަނޑުމެން އެކި ރަށްރަށަށް ދަތުރުކުރާއިރު، ރައްޔިތުންގެ ފަރާތުން އޭޓީއެމްއެއް ބޭނުންވާ ވާހަކަ އަބަދުވެސް އިވޭ. ރައްޔިތުންނަށް މި ޚިދުމަތްތައް މުހިންމުވާ ވާހަކަ، ރަށްރަށަށް ދިޔައިމަ ރައްޔިތުންވެސް އެންމެ ގިނައިން ރިކުއެސްޓް ކުރާ ކަންތަކުގެ ތެރޭގައި އޭޓީއެމްގެ ވާހަކަ ހިމެނޭ،” ވަޒީރު ވިދާޅުވިއެވެ.
ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމްނުކޮށް އޮތީ މީހުން ދިރިއުޅޭ 10 ރަށެއްގައި ކަމަށާއި، ކުރިއަށް އޮތް ވިއްސަކަ ދުވަހުގެ ތެރޭގައި މި ރަށްރަށުގައިވެސް އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށް، މުޅި ރާއްޖެއަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ސަރުކާރުން ނިންމާލައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތްވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ލިބޭނެ އިންތިޒާމް މި ސަރުކާރުން ހަމަޖައްސަވައި، އެ ކަންކަން ހިނގަމުންދާކަންވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

