ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން މިއަދު ނެރުއްވި އިއުލާނެއްގައި އައްޑޫ ސިޓީ ހަންކެޑެއާއި ށ. ނަލަންދޫގައި ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އައްޑޫ ސިޓީ ހަންކެޑެ ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ މަދުވެގެން 1000 އެނދުގެ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދުގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ ފުރަތަމަ ދުވަހު ވަނީ ހަންކެޑޭގައި ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގުމަށް ނިންމަވާފައެވެ. އެގޮތުން، ކުރިން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2021 ވަނަ އަހަރުގެ ޑިސެންބަރު 2 ވަނަ ދުވަހު އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ވަނީ އުވާލައްވާފައެވެ.
ށ. ނަލަންދޫގައި ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލާފައިވަނީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށުގެ ތެރެއިންނެވެ. މި މަޝްރޫއަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ހުޅުވާލާފައިވާއިރު، ބީލަން ފޮތް އަންނަ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
ހަންކެޑެގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއަށް އީމެއިލް މެދުވެރިކޮށް ގުޅުއްވުމަށް އެ ވުޒާރާއިން އިލްތިމާސް ކުރައްވާފައިވެއެވެ.

