މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް، ހ. ނިއުހެޕިނަސް، މުޢާޛު ޢަލީގެ މައްޗަށް ރިޝްވަތުގެ ދަޢުވާ ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
އޭސީސީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި މައްސަލައިގައި ދަޢުވާ ކުރުމަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި މައްސަލައަކީ 2018 ވަނަ އަހަރު ހިނގި ހާދިސާއަކާ ގުޅިގެން ތަހުގީގު ކުރެވުނު މައްސަލައެކެވެ.
އޭސީސީގެ ތަހުގީގަށް ހޯދިފައިވާ މަޢުލޫމާތުގައިވާ ގޮތުން، އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްގައި ބެހެއްޓުމަށްފަހު، އޭގެ ތެރެއިން 430 ކޭސް ރީ-އެކްސްޕޯޓް ކުރުމަށް ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަކޮށް ދޫކުރި ނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓް ކޮށްފައި ނުވެއެވެ.
މި މައްސަލަ ކަސްޓަމްސްއިން ބަލަން ފެށުމުން، ސިނގިރޭޓު އެތެރެކުރި ކުންފުންޏަށް ފަހިވާގޮތަށް މައްސަލަ ނިންމުމަށްޓަކައި، އެ ކުންފުނީގެ ދެ މީހެއްގެ އަތުން މުޢާޛު ޢަލީ ރިޝްވަތަށް އެދިފައިވާކަން ތަހުގީގުން ހޯދާފައިވާ ކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން މި މައްސަލައިގައި ދަޢުވާ ކުރުމަށް ހުށަހަޅާފައިވަނީ، އެނގިހުރެގެން މަންފާއަކަށް އެދުމާއި، ޤަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ޤަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދަޢުވާއެވެ.

