ސަރުކާރުގެ ފަރާތުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މި ބިލަކީ ރާއްޖޭގައި ގުނަވަންތަކާއި ގުނަވަންތަކުގެ ބައިތައް ޓްރާންސްޕްލާންޓް ކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމު ކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށް ހުށަހަޅާފައިވާ ބިލެކެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ފޯރުކޮށްދޭ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތަކީ އެންމެނަށް ވާސިލް ވެވޭނެ ރައްކާތެރި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރު ކޮށްދެވޭ ޚިދުމަތަކަށް ހެދުމެވެ. މި ބިލުގައި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި އުސޫލުތަކުގެ އިތުރުން، ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް ހޯދާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ވަނީ ހިމަނާފައެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ދިރިހުރި މީހެއްގެ ގުނަވަން ބަދަލުކުރުމަށެވެ. ގުނަވަން ހަދިޔާކުރެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ، ބުއްދި ސަލާމަތުން ހުރި، އަމިއްލަ އިޚްތިޔާރުގައި އެކަމަށް ރުހޭ ދިވެހި ރައްޔިތުންނަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ ފަރާތްތަކަށް ގުނަވަން ހަދިޔާ ނުކުރެވޭނެއެވެ.
ބިލު ޤާނޫނަކަށްވުމުން 9 މެންބަރުންގެ މައްޗަށް އެކުލެވޭ “ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް” އުފައްދާނެއެވެ. މި ކައުންސިލުން ޓްރާންސްޕްލާންޓް ޚިދުމަތް ދިނުމުގެ ހުއްދަ ދިނުމާއި، ހުއްދަ ބާޠިލުކުރުމާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސްއޫލިއްޔަތު އަދާކުރާނެއެވެ. މީގެ އިތުރުން 5 މެންބަރުންގެ މައްޗަށް އެކުލެވޭ “ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ” އެއް އުފައްދައި، ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދޫކުރާނީ މި ކޮމިޓީންނެވެ.
ބިލުގައި ކަނޑައަޅާފައިވާ މުހިންމު އެއް ކަމަކީ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ ކުށްތަކާއި އަދަބުތަކެވެ. މީހެއްގެ ނުރުހުމުގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގައި އެހީތެރިވުމާއި، ގުނަވަން ވިއްކުމާއި ގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމެވެ. މިފަދަ ކުށްތަކަށް ޖޫރިމަނާއާއި ޖަލު އަދަބު ކަނޑައެޅިފައިވެއެވެ.

