އިންޑިއާގެ ތިން ކުންފުންޏަކުން އުފައްދާފައިވާ ކެއްސުމަށް ބޭނުންކުރާ ބޭސްތަކެއްގައި ވިހަ މާއްދާއެއް ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އެ ބޭސްތައް ބޭނުންކުރުމާއި ވިއްކުން މަނާކުރުމަށް ސައުތު އީސްޓް އޭޝިއާ ރީޖަން ނެޓްވޯކުން ދިވެހިރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އަށް އަންގައިފިއެވެ.
އެފްޑީއޭ އިން ނެރުނު ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ބޭސްތައް އުފައްދާފައިވާ ކުންފުނިތަކަކީ ރާއްޖެއަށް ބޭސް އިމްޕޯޓްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކެއް ނޫނެވެ. އަދި މި ކުންފުނިތަކުން އުފައްދާ އެއްވެސް ބޭހެއް ރަސްމީކޮށް ރާއްޖެ އެތެރެކޮށްފައި ނުވާކަން އެފްޑީއޭ އިން ވަނީ ކަށަވަރުކޮށްފައެވެ.
ނަމަވެސް، އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސްފަރުވާއަށް ޒިޔާރަތްކުރާ ޤައުމަކަށްވެފައި، އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް ގެންނަ ފަރާތްތައް ގިނަކަން ފާހަގަކޮށް، މިކަމުގައި ސަމާލުވުމަށް އެފްޑީއޭ އިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އެފްޑީއޭ އިން ވަނީ ޚާއްޞަކޮށް ކުޑަކުދިންނަށް ދެވޭ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ދެވޭ ކެއްސުމާއި ރޯގާގެ ދިޔާ ބޭސްތަކުގައި “ޑައިތެލިން ގްލައިކޯލް” އަދި “އެތިލައިން ގްލައިކޯލް” ފަދަ ނުރައްކާތެރި ކެމިކަލްތައް ނުހިމެނޭކަން ކަށަވަރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދެއެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުއްވުމަށް އެ އޮތޯރިޓީން އަންގަވާފައިވެއެވެ.

