ކިރަކީ އިންސާނުންގެ ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވިގެންވާ ކާނާއެކެވެ. ޚާއްޞަކޮށް ރޭގަނޑު ނިދުމުގެ ކުރިން ކިރު ބުއިމަކީ ވަރަށް ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ. މިއަދުގެ ފަތިސްތަރީގައި އަލިއަޅުވާލާނީ ނިދުމުގެ ކުރިން ކިރު ބުއިމުން ލިބޭ މުހިންމު ފައިދާތަކުގެ މައްޗަށެވެ.
އާންމުކޮށް ރޭގަނޑު ނިދުމުގެ ކުރިން ކިރު ބޯންދޭތަން ފެންނަނީ ކުޑަކުދިންނަށެވެ. އެކަމަކު ހަގީގަތުގައި މިއީ އެއްވެސް ހާލެއްގައި ވަކި އުމުރަކަށް ކަނޑައެޅިފައި އޮތް ކަމެއް ނޫނެވެ. ނިދުމުގެ ކުރިން ކިރު ތަށްޓެއް ބުއިމުގެ ފައިދާ އެނގޭނަމަ އެންމެންވެސް އެކަމަށް ސަމާލުކަން ދޭނެކަން ޔަގީނެވެ.
ކިރުގައި އެކުލެވޭ ޓްރިޕްޓޮފޭން ކިޔާ އެމިނޯ އެސިޑްގެ ސަބަބުން، ހަށިގަނޑުގައި ސެރޮޓޮނިން އަދި މެލަޓޮނިން ކިޔާ ހޯމޯނުތައް އުފެދެއެވެ. މި ހޯމޯނުތަކަކީ ނިދުން ރެގިއުލޭޓްކޮށްދޭ މުހިންމު ހޯމޯނުތަކެކެވެ. އެހެންކަމުން ނިދުމުގެ ކުރިން ކިރު ބުއިމުން އަވަހަށް ނިދި އައިސް، އަރާމުކޮށް ނިންދަވާލައެވެ.
ދުވާލުގެ ވަގުތުތަކުގައި މަސައްކަތުގެ ބުރަކަމާއި އެހެނިހެން ޒިންމާތަކުގެ ސަބަބުން ގިނަ މީހުން ތިބެނީ ހާސްވެ ވަރުބަލިވެފައެވެ. ހަށިގަނޑާ އެއްވަރަށް ސިކުނޑިވެސް ލޮޑުވެފައި ތިބޭ ފަހަރުތައް ގިނައެވެ. ކިރުގައި އެކުލެވޭ މެގްނީޒިއަމް އަދި ޒިންކްގެ ސަބަބުން ހަށިގަނޑު ހަމަޖެހި، ހާސްކަމާއި ކަންބޮޑުވުމާއި ލޮޑުކަން ފިލުވައިލާ އަރާމު ލިބިގެންދެއެވެ. މީގެއިތުރުން ފިނި ނޫނަސް ހޫނުކޮށް ކިރު ބުއިމަކީ ނަފްސާނީގޮތުން ހިތްހަމަޖެހުން ލިބޭ ކަމަކަށްވެސް ވެއެވެ.

ނިދުމުގެ ކުރިން ފިނި ކިރުތަށްޓެއް ބުއިމުގެ ފައިދާ ހާދަ ބޮޑޭ، މިކަމަކަށް ވަކި ޢުމުރެއް ނެތް—ފޮޓޯ: ފްރީޕިކް
ކިރުގައި އެކުލެވޭ ޕްރޮޓީންގެ ސަބަބުން ހަށިގަނޑުގެ މަސްތައް ވަރުގަދަވެ، މަސްގުޅަކެއުން ފަދަ މައްސަލަތައް ހައްލުވެއެވެ. ޚާއްޞަކޮށް ކަސްރަތުކުރާ މީހުންނަށް ނިދުމުގެ ކުރިން ކިރު ބުއިމުން މަސްތައް އަލުން އާރާސްތުވުމަށް އެހީތެރިވެދެއެވެ.
ކިރުގައި ކެލްސިއަމް އަދި ވިޓަމިން ޑީ ގިނައިން އެކުލެވެއެވެ. މި ދެ މާއްދާއަކީވެސް ކަށިތައް ވަރުގަދަކޮށް ދުޅަހެޔޮކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާ މާއްދާތަކެކެވެ. ރޭގަނޑުގެ ވަގުތުތަކުގައި ހަށިގަނޑުން ކެލްސިއަމް އަދި ވިޓަމިން ޑީ އަށް ރައްކާތެރިވުން ރަނގަޅުވާތީ، ނިދުމުގެ ކުރިން ކިރު ބުއިމަކީ އެންމެ އެކަށީގެންވާ ވަގުތެވެ.
ނިންމާލުމުގެ ގޮތުން ދަންނަވާނަމަ، ނިދުމުގެ ކުރިން ކިރު ބުއިމަކީ ހަށިގަނޑުގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު އާދައެކެވެ. މީގެ ސަބަބުން ރަނގަޅު ނިދުމެއް ލިބުމާއެކު، ހަށިގަނޑުގެ އެކި ގުނަވަންތަކަށް ބޭނުންވާ މުހިންމު ކާނާ ލިބި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދެއެވެ.

