ށ. ނޫމަރާގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ. މިސްކިތުގެ ބިންގާ އަޅުއްވާދެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މިމިސްކިތުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މިސްކިތަކީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތެކެވެ. މިއީ ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި ހިމެނޭ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މި މިސްކިތް ނިމިގެންދާއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެއެވެ. މި މިސްކިތުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

