ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. އަތޮޅު ގޮއިދޫއަށް ވަޑައިގަންނަވައިފިއެވެ. ށ. އަތޮޅަށް ފަށްޓަވާފައިވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ރައީސް ގޮއިދޫއަށް ވަޑައިގެންނެވުުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ދަތުރުފުޅުގައި، ރައީސް، ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވާނެއެވެ. އެގޮތުން ގޮއިދޫގެ ވެސް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު އުތުރުބުރީގައި މީހުން ދިރިއުޅޭ 14ރަށަށް ވަޑައގަންނަވާނެއެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއަށެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

