މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފެދިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނަށް މީޑިއާތައް ތަމްސީލުކުރާ 4 މެންބަރުން ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރައްވައިފިއެވެ.
7 މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންނެވެ.
މިގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި ވަނީ
- ށ.ފޭދޫ މޫނިމާގެ، ޢަބްދުލްޢަޒީޒް އިބްރާހީމް
- ގދ.ތިނަދޫ، މަލަ، ޒަމްޢަތު އަޙްމަދު ވަޙީދު
އެހެނިހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ
- ގދ. ރަތަފަންދޫ، ވެލީގެ، ސިމާޙާ ނަސީމް
- ހދ. ވައިކަރަދޫ، ހިސާން، ޙުސައިން ޘަޤީފު
މި 4 މެންބަރުން ހޮވިފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް އިތުރު ފަރާތަކުން ކުރިމަތިނުލުމާ ގުޅިގެންނެވެ.
އައު ޤާނޫނާ އެކު އުފެދުނު މި ކޮމިޝަނަކީ މިހާރު އުވާލެވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރާނެ މުއައްސަސާއެވެ. މީގެ އިތުރުން، ނޫސް މަޖައްލާއާ ގުޅޭ ދަފުތަރުކުރުމާއި އަރުޝީފުގެ މަސައްކަތްތައްވެސް މި ކޮމިޝަނުން ކުރިއަށް ގެންދާނެއެވެ.
އަލަށް އުފެދުނު މި ކޮމިޝަނާ އެކު، މީޑިއާއާއި ބްރޯޑްކާސްޓަރުން ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިން ކަމާބެހޭ ވުޒާރާއިން ކުރަމުން އައި ނަމަވެސް، މިހާރު އެ މަސައްކަތް ކުރިއަށް ގެންދާނީ މި ކޮމިޝަނުންނެވެ.

