ވާރކްޕާމިޓް މެޑިކަލް ހެދުމުގެ ތެރޭގައި ޞިއްޙީގޮތުން އިތުރަށް ބަލަންޖެހޭ ފަރާތްތަކުގެ ވާރކްޕާމިޓް މެޑިކަލްއާ ބެހޭގޮތުން ދެވޭ ޚިދުމަތުގެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިކަން އިއުލާނު ކުރަމުން ބުނެފައިވަނީ، ވާރކްޕާމިޓް މެޑިކަލް ހެދުމުގެ ތެރޭގައި މައްސަލަ ޖެހޭ ފަރާތްތަކަށް ޚިދުމަތް ދެވޭނެ ގަޑިތަކަށް ބަދަލު ގެނެސް، އައު ގަޑިތަކެއް މިހާރު ވަނީ ކަނޑައަޅާފައި ކަމަށެވެ.
މި ބަދަލާ އެކު، ވާރކްޕާމިޓް މެޑިކަލް ހަދާ ފަރާތްތަކުގެ ތެރެއިން އިތުރަށް ޓެސްޓް ކުރަންޖެހޭ ފަރާތްތައް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ފޮނުވުމާއި، ތައްގަނޑު ޖަހައިދިނުމުގެ ޚިދުމަތް ލިބޭނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.
މި ބަދަލު ގެނައުމުގެ މަޤްޞަދަކީ ވާރކްޕާމިޓް މެޑިކަލް ހެދުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުން ކަމަށް އެޗްޕީއޭ އިން ފާހަގަކޮށްފައިވެއެވެ.

