ރާއްޖެއިން ކަޒަކިސްތާނާއި، މޮރިޝަސްއަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ މަގާމުތަކަށް އައްޔަން ކުރަން ނަންތައް މަޖިލީހުގެ ތަޅުމުގައި އިއްވާ ދިރާސާކުރަން ކޮމިޓީއަށް ފޮނުއްވީ މިމަހުގެ ދެވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
މޮރިޝަސްއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު އައްޔަންކުރަން ފާސްވީ 50 މެންބަރުންގެ ވޯޓުންނެވެ.
އަދި ކަޒަކިސްތާނަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އިންޑިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާއިޝަތު އަޒީމާ އައްޔަންކުރަން ފާސްވީ 49 މެންބަރުންގެ އިއްތިފާގުންނެވެ.

