ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. ފޭދޫއަށް ވަޑައިގަންނަވައިފިއެވެ. ށ. އަތޮޅަށް ފަށްޓަވާފައިވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ރައީސް ފޭދޫއަށް ވަޑައިގެންނެވުުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސްގެ ށ. އަތޮޅުގެ މި ދަތުރުފުޅުގައި، މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވާއިރު، މިއަދު ފޭދޫއަށް ވަޑައިގެން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

