އިހަވަންދިއްޕޮޅުގައި ފެށި ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތުން މިހާތަނަށް 192 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ސައީދު ވިދާޅުވީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި މި ހިދުމަތުން ދައުލަތަށް ބޮޑު ފައިދާއެއް ލިބެމުންދާ ކަމަށެވެ. އެސްޓީއޯގެ ހިސާބުތަކަށް ބަލާއިރު 192.14 މިލިއަން ރުފިޔާގެ އާމްދަނީއާއެކު، ޓެކްސްގެ ގޮތުގައި 17 މިލިއަނަށްވުރެ ގިނައިން ލިބިފައިވާކަމަށެވެ.
ބަންކަރިންގެ ހިދުމަތުން ރާއްޖެއަށް 17 މިލިޔަން ރުފިޔާގެ ޓެކްސް ލިބިފައިވާއިރު، އޭގެތެރެއިން 80 އިންސައްތައަކީ ލޯސަލްފާ ފިއުލްއިން ލިބުނު ޓެކުހެެވެ. މިއީ މީގެ ކުރިން ރާއްޖެއަށް ގެނެސްގެން ވިއްކި އެއްޗެއް ނޫންކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.
ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ ވިޓޯލްއާ ގުޅިގެން 2023 ވަނަ އަހަރުގެ މާޗް މަހު ފެށި މި ހިދުމަތަށް އެސްޓީއޯއިން 15-20 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައިވާއިރު، މިހާރު އެ މަސައްކަތް ކުރިއަށްދާއިރު ރަނގަޅު ނަތީޖާއެއް ލިބެމުންދާކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. މި ހިދުމަތް އިތުރަށް ފުޅާކޮށް ހޯރަފުށީގައި ތެޔޮ ޓާމިނަލެއް އަދި ކޮންޓެއިނާ ޓާމިނަލެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

