ށ. ފޭދޫގަ 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް އަންނަ އަހަރު ބަޖެޓުގަ ހިމަނުއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ށ. އަތޮޅަށް ފަށްޓަވާފައިވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފޭދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ދެއްކި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރު އެންމެ މުހިއްމުކަމަށް 500 ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ބަޖެޓުގައި ހިމަނުއްވާނެކަމަށާއި، އެއީ ހުރިހާ ފެސިލިޓީއެއް ހިމެނޭނެހެން ޒަމާނީ ފެންވަރަށް ބިނާކުރާނެ މިސްކިތެއްކަމަށާއި އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ސިއްޙީ ދާއިރާއިން ވަރަށް އަވަހަށް މިއަހަރު 24 ގަޑިއިރަށް ޚިދުމަތް ދޭ ތަނަކަށް ސިއްޙީ މަރުކަޒު ބަދަލުކުރައްވާނެކަމަށާއި ސިއްހީ މަރުކަޒުގެ ބޭނުންވާ ވަޒީފާތަކަށް މީހުން ނެގުމުގެ ހުއްދަތައް ލިބި އެ މަސައްކަތް ކުރިއަށްގެންދަވާނެކަން ފާހަގަކުރައްވާ ރައީސް ވަނީ ސިއްޙީ މަރުކަޒަށް ބައެއް އިތުރުކުރައްވާނެކަމަސް ވިދާޅުވެފައެވެ.
ރައީސް ވަނީ ސްކޫލްގެ މަސައްކަތް ނިންމަވާދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރައީސް ވިދާޅުވީ 2 އަހަރުވެފައިވާ އެ މަޝްރޫޢު ނިންމުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. އަދި މައްސަލަ ހައްލުކުރުމުގެ ގޮތުން މީހުންނާއި ސާމާނު ގެނެސް ބާރު ދުވެލީގައި މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދަވާ އެހެނިހެން މަޝްރޫޢުތަކުގެ ތެރޭގައި، މޫދަށް އެރޭނެ ސަރަޙައްދެއް ތަރައްޤީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްޤީކުރުމާއި މަގު ހެދުމުގެ މަޝްރޫޢުތައް ހިމެނެއެވެ. މި ގޮތުން މިއަދު ހެނދުނު އޮތް ބައްދަލުވުމުގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ.
މީގެއިތުރުން، ކުޅިވަރުގެ ދާއިރާއިން މިއަހަރު ތެރޭގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރުމާއި، ފުޓްސަލް އަދި ފުޓުބޯޅަ ދަނޑު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމަށާއި، ރަށުގެ އިންޖީނުގެ އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރެވޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

