މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ށ. ފޯކައިދޫއަށް ވަޑައިގެންނަވައިފިއެވެ. ރަށުގެ ކުދިބޮޑު ރައްޔިތުން އުފަލުން ފޮޅިފައި،އެމަނިކުފާނަށް ދެންނެވީ ފިސާރި ހޫނު މަރުޙަބާއެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފޯކައިދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.
ފޯކައިދޫއަށް ކުރައްވާ މި ދަތުރުފުޅުގައި ރަށުގެ ތަރައްޤީއަށް މުހިންމު އެކި މަޝްރޫޢުތައް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށުގެ ތަރައްޤީއަށް މުހިންމު އެހެނިހެން ކަންކަންވެސް ހަމަޖައްސަވައިދެއްވުމަށް ވަނީ ރޭއްވެވިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މިލަދުންމަޑުލު އުތުރުބުރީގެ 14 ރަށަކަށް ވަޑައިގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

