މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބިން ހިއްކުމާއި އުމްރާނީ މަސައްކަތްތައް ކުރަން ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސްޕޯޓަލްގައިވާ ގޮތުން، އެމްއޭސީއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ މި ކުންފުނި އުފަށްދާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. އެމްއޭސީއެލްގެ 100 ޕަސަންޓް ހިއްސާ އޮންނަ ގޮތަށް އުފެއްދި ކުންފުނީގެ ނަމަކީ “ޕެނިންސޫލާ އިންފްރާސްޓްރަކްޗާ” އެވެ.
އެމްއޭސީއެލްގެ އާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އެމްއޭސީއެލްގެވެސް މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފްއެވެ. މަޝްރޫއުތައް ހިންގުމަށް ޕެނިންސިއުލާ ކުންފުންޏާ ބައިވެރިވާނެ ޕާޓްނަރުން ހޯދަން މިހާރު ވަނީ އިއުލާނެއްް ވެސް ކޮށްފައެވެ. އެ އިއުލާނުގައިވާ ގޮތުން، ޕެނިންސިއުލާގެ ބޭނުމަކީ އެ ކުންފުންޏަށް ފައިދާ ހުރި ދެމެހެއްޓެނިވި ބޮޑެތި މަޝްރޫއުތަކެއް ރާއްޖޭގައި ހިންގުމެވެ.
އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުނި ޕެނިންސިއުލާގެ ޑިރެކްޓަރުން:
- އިބްރާހިމް ޝަރީފު މުހައްމަދު (އެމްއޭސީއެލްގެ އެމްޑީ)
- މުހައްމަދު މިހާދު (އެމްއޭސީއެލް ބޯޑު މެމްބަރު)
- އަހުމަދު އަސްއަދު ހާޝިމް
- ހުސައިން ރިޔާޒު
- އަހުމަދު ސާނިއު
މި ކުންފުންޏާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ބަހެއް އަދި ނުލިބެއެވެ.
އެމްއޭސީއެލް އިން ބިން ހިއްކުމަށް ހާއްސަ ކުންފުންޏެއް ހަދާފައި މިވަނީ ބައެއް ރަށްރަށުގައި ބިން ހިއްކައިގެން އެއާޕޯޓް އެޅުމަށް އެމްއޭސީއެލްއަށް ސަރުކާރުން ބައެއް މަޝްރޫއުތައް ހަވާލުކޮށްފައި ވަނިކޮށެވެ.

