މާލޭގެ އަމީނީމަގުގައި މިއަދު މެންދުރު ހިނގި ސައިކަލު އެކްސިޑެންޓެއްގައި ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާވެއްޖެއެވެ. އަނިޔާވި 11 އަހަރުގެ ކުއްޖާއަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު މެންދުރު 12:33 ހާއިރު، އަމީނީމަގުގައި ހުންނަ ރެހެންދި ފުލެޓުތައް ކައިރީގައި ކަމަށެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް، ފަހަތުސީޓުގައިި ކުޑަކުއްޖާ އިން ސައިކަލުގައި ޖެހުމުގެ ސަބަބުންނެވެ.
އެކްސިޑެންޓުގައި އަނިޔާވި ކުއްޖާއަށް މިހާރު ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށާފައެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ ކުއްޖާގެ ހާލަތު ސީރިއަސްއެއް ނޫނެވެ.
ފުލުހުން އިތުރަށް ވިދާޅުވި ގޮތުގައި، ބާރު ސްޕީޑުގައި ދުއްވި ސައިކަލު މިހާރު ވަނީ ޓޯވކޮށްފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އެބަ ގެންދެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް 2،345 އެކްސިޑެންޓް ވަނީ ރިޕޯޓުކުރެވިފައެވެ. އަދި ފާއިތުވި ހަފުތާގައި އެކަނި މާލެ، ސިނަމާލެ ބްރިޖު އަދި ހުޅުމާލެ ހައިވޭގައި 40 އެކްސިޑެންޓް ހިނގާފައިވެއެވެ. މި އަދަދުތައް މަތިވަމުންދާތީ، މަގުމަތީގެ ސަލާމަތަށް އިތުރަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.

