ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންސްތައް މާދަމާއިން ފެށިގެން އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ހާމަކޮށްފިއެވެ.
އެމްއޭސީއެލްއިން ބުނީ، އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ އާ ޓާމިނަލްގެ ތައްޔާރީތައް މިހާރު ދަނީ ފުރިހަމަކުރަމުންނެވެ. މި ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ، އާ ޓާމިނަލް ހުޅުވުމަށްޓަކައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑް ސީ މަތިންދާބޯޓުތައް އާ ރަންވޭއަށް ޖެއްސުމަށް މުޅި ރަންވޭ ބޭނުންކުރަން ޖެހޭތީއެވެ.
އެމްއޭސީއެލްއިން އިތުރަށް ހާމަކުރި ގޮތުގައި، ރަންވޭއަށް ކްލިއަރަންސް ހޯދުމަށްޓަކައި ބާ ޓާމިނަލް އާއި އެތަނާ އިންވެގެންވާ އިމާރާތްތަކާއި އުސް ތަންތަން ނަގައި ހުސްކުރަން ޖެހެއެވެ. މިކަމާ ގުޅޭ އެންމެހާ މަޢުލޫމާތު މި މަހުގެ 9 ވަނަ ދުވަހު ވަނީ ރަށު ކައުންސިލާއި ކަމާ ބެހޭ އެހެނިހެން ވުޒާރާތަކާ ހިއްސާކޮށްފައެވެ.
އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރޭގައި، ޓާމިނަލްގެ ޚިދުމަތްތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި، އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުން ހިމެނެއެވެ. މީގެ އިތުރުން، އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތްތައް ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ.
އެމްއޭސީއެލްއިން ފާހަގަކުރި ގޮތުގައި، ހުޅުވުމުގެ ކުރިއާއި ފަހަތަށް މުޅި ޓާމިނަލް ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތައްޔާރުކުރެވިފައިވޭތޯ ކަށަވަރު ކުރުމަށް ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސް މިހާރު ވަނީ ފަށައިފައެވެ.

