ށ. ފޯކައިދޫގައި އެމްޓީސީސީއިން ތަރައްގީކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، އިން އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ދެ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. އަދި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި އެހެނިހެން އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި އިންޑޯ ޖިމާއި، އެރޮބިކްސް އާއި އެކި ކަހަލަ އިންޑޯ ގޭމްތަކާއި ބޯޑު ގޭމް ކުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން ޓްރޭނިންތައް ހިންގުމަށް ކްލާސްރޫމާއި މީޓިން ރޫމްވެސް މި ސެންޓަރުގައި ގާއިމުކުރެވިގެންދާނެއެވެ. މިއީ ރައީސް މުޢިއްޒުގެ ވައުދެއްކަމަށްވާ، އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ފުލުހުންގެ މަރުކަޒުގެ މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސް މުޢިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ސަރުކާރުން ވަނީ އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ކޮންމެ ރަށަކީވެސް ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށަކަށް ހެދުމަށް އަމާޒު ހިފާފައެވެ.
މީގެ އިތުރުން، ފޯކައިދޫގައި ސަރުކާރުން ގާއިމުކުރާ އިސްލާމިކް ސެންޓަރު، ކައުންސިލް އިދާރާގެ އާ އިމާރާތް އަދި ވޭސްޓު މެނޭޖްމަންޓު ސެންޓަރުގެ ބިންގާވެސް މިއަދު ވަނީ އަޅާފައެވެ. މި މަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީއަށް ގެނެވޭ މުހިންމު ބަދަލުތަކެއް ކަމުގައި ފާހަގަކުރެވެއެވެ.

