ރާއްޖޭގެ މަސް އިނގިރޭސިވިލާތަށް އެތެރެކުރުމަށް ނަގާ ޓެރިފް ކުޑަ ކުރުމަށް ކުރާ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ފާހަގަކުރައްވާފައިވަނީ، އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
އިނގިރޭސިވިލާތާއެކު ރާއްޖެއިން ކުރިއަށް ގެންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުއާ ސުވާލުކުރެވުނެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވެފައިވަނީ، އިނގިރޭސިވިލާތުގެ އެއްބަސްވުމެއް މިއަހަރު ތަންފީޒު ކުރަން ނިންމާފައިވާކަން ވުޒާރާގެ އެއްވެސް ލިޔެކިއުމަކުން ނުދައްކާ ކަމަށެވެ.
މިކަމާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ، ދިވެހިން ބާނާ މަސް ޓެރިފަކާ ނުލައި ދެމެހެއްޓެނިވި ގޮތަކަށް އިނގިރޭސިވިލާތުގެ ބާޒާރަށް ގެންދިއުމަށް ކުރަމުންދާ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި “ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިކަމަށް އިތުރަށް މަގުފަހިވެ އަވަސް ކުރުމަށް ފުރުސަތު ލިބިގެން ދިޔަ” ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވެފައިވަނީ، މިހާރު މަސްވެރިންނަށް ދިމާވަމުންދާ ގޮންޖެހުންތަކަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މިދާއިރާ ނުބެލެހެއްޓި، އެޅި ދޯހަޅި ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވި ކަންކަން ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ދާދި އަވަހަށް ސޮއިކުރެވޭނެ ކަމުގެ އުއްމީދު ދިނުމަށްފަހު މަހުގެ އަގު އުފުލިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ މަސްވެރިކަމުގެ ސިނާޢަތާއި މަސްވެރިންގެ ދިފާޢުގައި ކަމަށާއި، މަސްވެރިކަމުގެ ސިނާޢަތަށް ވިޔަފާރީގެ ހަމަހަމަ ފުރުސަތު ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

