ށ ކޮމަންޑޫ ބިން ހިއްކުމާއި އެއާޕޯޓު ތަރައްގީ ކޮށް އޮޕަރޭޓް ކުރުމަށް ހަވާލުކުރެވޭ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު، އެރަށުގައި އެއާޕޯޓު ގާއިމުކުރުމަށްޓަކައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
މި މަޝްރޫއު ސަރުކާރުން ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފައެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. އެއާޕޯޓު ތަރައްގީކޮށް، އޮޕަރޭޓްކޮށް ހިންގުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނީ އެމްއޭސީއެލްއިންނެވެ.
ކޮމަންޑޫގައި އެއާޕޯޓެއް އެޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވެސް ހިންގަން އުޅުނު މަޝްރޫއެއް ނަމަވެސް، އޭގެ އަމަލީ މަސައްކަތެއް ފެށިފައެއް ނުވެއެވެ. ރައީސް ޑރ. މުއިއްޒު ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މި ސަރަހައްދުގައި އެއާޕޯޓެއް އެޅުމަށް ވައުދުވެވަޑައިގެންފައެވެ.
ށ. އަތޮޅުގައި މިހާރު އޮންނަނީ ފުނަދޫގައި ގާއިމުކޮށްފައިވާ އެންމެ އެއާޕޯޓެކެވެ. ރައީސް ޑރ. މުއިއްޒު ވަނީ ށ. ބިލެތްފައްސާއި ކޮމަންޑޫގެ އިތުރުން ށ. މިލަންދޫގައި ވެސް އެއާޕޯޓެއް އަޅާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. މި ގޮތުން ބިލެތްފަހީގެ އެއާޕޯޓުގެ މަސައްކަތް ވެސް އިއްޔެ ވަނީ އެމްއޭސީއެލްއާ ހަވާލުކޮށް ފަށައިފައެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސައްކަތް ނުފަށާ އަދި މަސައްކަތް ހުއްޓިފައި ހުރި ގިނަ މަޝްރޫއުތައް އަލުން އެހެން ކުންފުނިތަކާ ހަވާލުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދަމުންނެވެ.

