ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. މި ޚިދުމަތް ތަޢާރަފުކުރުމަށް ޕޭޕަލްއާއެކު ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން މަސައްކަތްކުރާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
އިގްތިސާދީ ވުޒާރާއިން ފާހަގަކުރި ގޮތުގައި މިއީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިގްތިސާދަށް ތަރައްޤީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައިގަނޑު އެއް ލަނޑުދަނޑި ހާސިލުވުމެވެ. ދިވެހި ފަންނުވެރިން ކުރިއަރުވައި، ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ޒަރީއާއިން އިގްތިސާދުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައީސް މުޢިއްޒުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށްވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މި ޚިދުމަތް ތަޢާރަފުވުމުން ދިވެހި ވިޔަފާރިތަކަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި، ކޮންޓެންޓް ކްރިއޭޓަރުންނަށް ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި މިއީ ފައިސާގެ މުޢާމަލާތްތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތަޢާރަފުކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުން ކަމުގައިވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
އިގްތިސާދީ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި މި ޚިދުމަތް ތަޢާރަފުކުރުމަށްޓަކައި ޕޭޕަލް އަދި ކަމާގުޅޭ ފަރާތްތަކާއެކު ވޭތުވެދިޔا ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. “މިފަދަ ޚިދުމަތްތައް ޤައުމުތަކުގައި ފަށައިގަތުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ގިނަކަމާއި، ފަންނީ އަދި މާލީ ޒަމާނީ މުޢާމަލާތްތައް ކުރުމުގައި ރާއްޖެފަދަ ޤައުމުތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު” ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށިގެންދިއުމަކީ މާލީ ނިޒާމު ހަރުދަނާކުރުމަށާއި އީޖާދީ ޑިޖިޓަލް ހައްލުތައް ހޯދޭނެފަދަ މާލީ މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް އިގްތިސާދީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

