ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލުގައި ދޮގު މަޢުލޫމާތު ހިމަނުއްވާފައިވާ ކަމަށާއި، އަދި ފަހުން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓުގައި ވެސް އޮޅުން އަރާ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާގައި މީކާއިލް ކުރެއްވި ސުވާލަކީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުން 24 ޕަސެންޓުން ނަގަމުންދިޔަ ޑިއުޓީ 20 ޕަސެންޓަށް ކުޑަކޮށް، މަހުން ނަގާ ޑިއުޓީ އެއްކޮށް ކަނޑާލުމަށް ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު މަޝްވަރާކުރި ފްރީ ޓްރޭޑް އެއްބަސްވުމާ ގުޅޭ ސުވާލެކެވެ.
މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ސަޢީދު ވިދާޅުވީ، ދިވެހިރާއްޖެއިން އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ވުމަށް އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު 16 ގައި ކަމަށެވެ. އެއީ ޔޫރަޕިއަން ޔޫނިއަނުން އިނގިރޭސިވިލާތް ވަކިވުމަށް ނިންމުމާ ގުޅިގެންނެވެ. އެހެންކަމުން އެއީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ހިނގި ކަމެއް ނޫން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ސަޢީދު އިތުރަށް ވިދާޅުވީ، ބްރެކްސިޓަށް ފަހު އިނގިރޭސިވިލާތުން މިހާރު ނަގަމުންދަނީ 20 ޕަސެންޓުގެ ޓެރިފެއް ކަމަށާއި، މިއީ ހުރިހާ ގައުމަކަށް ވެސް އެއް ރޭޓެއްގައި ނަގާ އާންމު ޓެރިފެއް ކަމަށެވެ. އަދި 2025 ވަނަ އަހަރު މިފަދަ އެއްބަސްވުމަކަށް އަމަލުކުރަން ފަށާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އިނގިރޭސި ސަރުކާރުން ދީފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީކާއިލް އެކްސްގައި ކުރެއްވި ޕޯސްޓަށް ރައްދު ދެއްވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، މެންބަރު އަނެއްކާވެސް ހައްދަވާފައި ވަނީ ދޮގެއް ކަމަށާއި، މަޖިލީހުގައި ކުރެއްވި ސުވާލުގައި ހިމެނިފައިވަނީ ތެދު މަޢުލޫމާތެއް ނޫންކަން ޚުދު މެންބަރަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ

