މާލީ ދާއިރާ ކުރިއެރުވުމަށާއި މަނިޓަރީ ގަވަނަންސް ހަރުދަނާކުރުމަށް އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާއެކު މުހިންމު ސްޓްރެޓެޖިކް އެއްބަސްވުމެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ސޮއިކޮށްފިއެވެ.
އެމްއެމްއޭގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. އައިއައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަސިޓީގެ ރެކްޓަރ ޕްރޮފެސަރ އެމެރިޓަސް ދަތުކް ޑރ. އޮސްމާން ބަކަ އެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ އާއިޝަތު ޝެހެނާޒް އާދަމެވެ.
މި އެއްބަސްވުމުގެ ދަށުން މާލީ ދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ފުރިހަމަ އޮނިގަނޑެއް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން، އެމްއެމްއޭގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތަކާއި އިންޓަރންޝިޕްގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ.
އިސްލާމީ ބޭންކިންގ އަދި ފައިނޭންސްގެ ދާއިރާއިން އައިއައިޔޫއެމްގެ ބައިނަލްއަގުވާމީ ތަޖުރިބާ ބޭނުންކޮށްގެން، ޝަރީޢާއާ އެއްގޮތްވާ ގޮތުގެ މަތިން ރެގިއުލޭޓްކުރުމުގެ އޮނިގަނޑުތައް ހަރުދަނާކުރުމާއި، އާ އިސްލާމީ މާލީ އިންސްޓްރުމެންޓުތައް ތަރައްގީކުރުމަށް މި އެއްބަސްވުމުގެ ދަށުން މަގުފަހިވެގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން މަނިޓަރީ ސިޔާސަތު، މާލީ ހަރުދަނާކަން، އަދި ފިންޓެކް ކުރިއެރުންތަކާ ގުޅޭ ދިރާސާތައް ކުރުމަށާއި، އެކަޑަމިކް އަދި ރެގިއުލޭޓަރީ ތަޖުރިބާ ހިއްސާކުރުމަށް ވެސް އިސްކަންދެވޭނެއެވެ. މީގެ އިތުރުން، ރާއްޖޭގެ މާލީ ދާއިރާގެ ދެމެހެއްޓެނިވިކަމާއި ހަރުދަނާކަން އިތުރުކުރުމަށް މަސައްކަތްކުރެވޭނެއެވެ.

