ކޮމަންޑޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް މަޑުޖެހުމެއްނެތި ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން 48.8 ހެކްޓަރުގެ ބިން ހިއްކައި، 30 މަސްދުވަހުގެ ތެރޭގައި އެއަރޕޯޓުގެ މަސައްކަތް ނިންމާ ހުޅުވާނެކަމަށެވެ.
އެއަރޕޯޓުގެ މަސައްކަތުގެ ތެރެއިން ބިން ހިއްކުމަށް ބޭނުންވާ ބަންޑްވޯލް ޖެހުމުގެ މަސައްކަތް 2 މަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށާއި، އެ މަސައްކަތް ނިމުމާއެކު ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރ ގެނެސް، ބިން ހިއްކުމުގެ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ ވަރަށް ޔަޤީންކަމާއެކު ސަރުކާރުން ދޭ ޔަޤީންކަމެއް. މިދިނީ އެންމެ ގިނަވެގެންވެސް އެ މަސައްކަތް ނިންމާނެ ތާރީޚުތައް. މި އަތޮޅުގައި އިތުރު 3 އެއަޕޯޓެއްގެ މަސައްކަތް މި ފަށަނީ. ޕްލޭންކޮށްގެން މި މަސައްކަތްތައް ކުރިއަށްގެންދަނީ،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ކޮމަންޑޫގެ ތަރައްޤީއަށް އިތުރު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަންނަ އަހަރުގެ ކުރީކޮޅު 50 ހައުސިންގ ޔުނިޓް އެޅުމާއި، ޑައިލިސިސްގެ ޚިދުމަތް ފެށުމާއި، ސްކޫލް މަރާމާތުކުރުމާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ށ. އަތޮޅުގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ޚާއްސަ ލުއިތަކަކާއެކު ފުށިފަރާއި ގޮނާފަރު ފަޅުން 200 ހެކްޓަރުގެ 3 ޕްލޮޓް ތަރައްޤީކުރުމަށް ހުޅުވާލާފައިވާކަމާއި، ކުޑަޅާމެންދޫގައި ރިސޯޓެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

