މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލާ އެއަތޮޅު ގައްލައިދޫ މިއަދު ހަވާލު ކޮށްފިއެވެ. މިއީ ކައުންސިލްތަކުގެ މާލީ ގާބިލުކަން އިތުރުކުރުމުގެ މަޤްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، ކޮމަންޑޫ ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލްއަކާ ގުޅިގެން ކުރެވުނު ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށުގެ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ގައްލައިދޫ ކޮމަންޑޫ ކައުންސިލާ ހަވާލުކުރެވުނެވެ. މި ރަސްމިއްޔާތުގައި ކައުންސިލާ ގައްލައިދޫ ހަވާލުކޮށްދެއްވީ ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.
ކޮމަންޑޫ ކައުންސިލްގެ ފަރާތުން ގައްލައިދޫ ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ސިނާނެވެ. މި ހަވާލުކުރެވުނު ރަށަކީ ކައުންސިލްގެ އިޚްތިޞާޞްގެ ބޭރުން ދޫކުރެވުނު ފަޅުރަށެކެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރިކުރުވުމުގެ މަޤުޞަދުގައި އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ކައުންސިލްތަކުގެ އިޚްތިޞާޞްގެ ބޭރުން ފަޅުރަށް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި ނިންމެވުމުގެ ދަށުން ކޮމަންޑޫ ކައުންސިލަށް ގައްލައިދޫ ހަވާލުކުރެވުމަކީ ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ލިބިގެންދާނެ ފުރުޞަތެއް ކަމުގައި ބެލެވެއެވެ.

