ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގުމުގެ މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތުކުރެވޭ 4 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި 2 ވިޔަފާރިވެރިންނާއި ކަސްޓަމްސްގެ އިސް މުވައްޒަފެއް ހިމެނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައަކީ މިއަހަރުގެ އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ސިނގިރޭޓް ކޮންޓެއިނަރުތައް، ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގުމުގެ މައްސަލައެކެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މޭ މަހުގެ 9 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި އިއްޔެ ރޭ ހައްޔަރުކުރި މީހުންނަކީ މި ޢަމަލު ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކެވެ. އެގޮތުން ހައްޔަރުކުރެވުނު މީހުންނަކީ:
• ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދު (ވިޔަފާރިވެރިޔާ)
• ކ. މާލެ، މއ. އެވަރ ގްލޯރީ، އަޙްމަދު ޢާރިފް (ވިޔަފާރިވެރިޔާ)
• ކ. މާލެ، ނިއު ހެޕިނަސް، މުޢާޛު ޢަލީ (ކަސްޓަމްސްގެ ކުރީގެ މުވައްޒަފު)
• ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލް (ކަސްޓަމްސްގެ އިސް މުވައްޒަފު)
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން މިހާތަނަށް 12 މީހަކު ވަނީ ފުރުން މަނާ ކުރެވިފައެވެ. އަދި މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ އެކި އުޅަނދުފަހަރާއި ތަންތަން ވަނީ ބަލައި ފާސްކުރެވިފައެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މައްސަލައާ ގުޅޭ އޮޕަރޭޝަން މިވަގުތުވެސް ދަނީ ކުރިއަށެވެ. އަދި މައްސަލައިގެ ތަހުގީގު ފުޅާ ދާއިރާއެއްގައި ކުރިއަށްދާކަން ވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
މި މައްސަލައަކީ ގައުމުގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރުވާނެ ބޮޑު މައްސަލައަކަށް ވެފައި، ދައުލަތުގެ އާމްދަނީއަށް ވެސް ގެއްލުން ލިބޭނެ ކަމެއްކަން ފާހަގަކުރެވެއެވެ.


