ރާއްޖޭގައި ޤައުމަށް ފުދޭވަރަށް، ކާނާގެ ޔަޤީންކަން ޤާއިމު ކުރެވޭ ވަރަށް، ދަނޑުވެރިކަން ފުޅާކުރުމަކީ އުއްމީދެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ރާއްޖޭގައި ފާހަގަކުރާ ދަނޑުވެރީންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވަނީ ދަނޑުވެރިންގެ ދުވަހުގެ ހެޔޮ އެދުންތައް މި ސިނާޢަތް ފުޅާކޮށް ކުރިއަރުވަން މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ދަންނަވާފައެވެ.
ވިދާޅުވީ، ދިވެހި ބިންތަކަކީ ފައިދާހުރި މޭވާއާއި، ތަރުކާރީ އަދި ގޮވާމާއި ފަލަމަޑި ލިބޭ، މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިން ސާބިތުކޮށްދީފައިވާކަމަށެވެ. އަދި ރާއްޖޭގައި ޤައުމަށް ފުދޭވަރަށް، ކާނާގެ ޔަޤީންކަން ޤާއިމު ކުރެވޭ ވަރަށް، ދަނޑުވެރިކަން ފުޅާކުރުމަކީ އެމަނިކުފާނުގެ އުއްމީދެއްކަމަށް ރައީސް ވިދާޅުވިއެވެ.
އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދަނޑުވެރީންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރު ގުޅުވާލާފައިވަނީ ރަނގަޅު ކާނާއާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލުމުގެ މުހިންމުކަމުގެ މައްޗަށެވެ.

