އައްޑޫސިޓީ ކައުންސިލް އެކުލެވިފައިވާގޮތާ ގުޅޭގޮތުން އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ވޯޓުގައި ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން އައްޑޫ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް މި މަހުގެ 25 ވަނަ ދުވަހު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ވޯޓުގައި ރަޖިސްޓްރީ އޮތްތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް މާދަމާ ހަވީރު 6:00 އާ ހަމައަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ވޯޓުލުމުގެ ޙައްގު ލިބިފައިވާ ފަރާތްތައް މިހާރު ރަޖިސްޓްރީވެފައިވަނީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް އެ ފަރާތެއް ރަޖިސްޓްރީކުރި ތަނުގައެވެ. އަދި ހުޅުމާލެ އާއި ވިލިމާލޭގައި ރަޖިސްޓްރީކުރި ފަރާތްތައް މާލެއަށް ރަޖިސްޓްރީ ކުރެވިފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް، އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިވާނެއެވެ.
އައްޑު އަތޮޅު ހުޅުދޫ، މީދޫ އަދި ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ކުރިއަށްދާނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަން ޗެކްކުރުމަށްފަހު ވޯޓުލާން ބޭނުންވާ ތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވާފައިވެއެވެ.

