ށ. މިލަންދޫގައި އެއާޕޯޓެއް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި އެއާޕޯޓު ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ މަސްއޫލިއްޔަތު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކުރުމާއެކު، މިއަދު އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ މޫސާ ޒަމީރެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، “30 މަސް ދުވަސް ނުވަތަ ދެ އަހަރާއި ބައިގެ ތެރޭގައި ރަށުގެ އެއާޕޯޓުގެ މަސައްކަތް ފުރިހަމައަށް ނިންމައި، އޮޕަރޭޝަނަށް ގެނެވޭނެކަމުގެ 100 ޕަސެންޓް ޔަގީންކަން” ދެއްވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން މިލަންދޫގައި 40 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ. މީގެއިތުރުން، އެއާޕޯޓު ތަރައްގީކުރުމަށްޓަކައި މިހާރުގެ ބަނދަރު އެހެން ތަނަކަށް ބަދަލުކޮށް، ފެންވަރު ރަނގަޅު އައު ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ބިން ހިއްކުމާއި، ބަނދަރު އަޕްގްރޭޑްކުރުމާއި، އައު ބަނދަރެއް ހެދުން ހިމެނެއެވެ. އަދި މި ހުރިހާ މަސައްކަތެއް ނިންމައި، އެއާޕޯޓު ހުޅުވުމުގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އެމަނިކުފާނު ވަނީ ޔަގީންކަން ދެއްވާފައެވެ.

