މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އުރީދޫ ފިންޓެކްއަށް އިންވާޑް ރެމިޓެންސް ލައިސަންސް ރަސްމީކޮށް ދޫކޮށްފިއެވެ. މި ލައިސަންސް ދޫކުރުމުގެ ރަސްމިއްޔާތު އެމްއެމްއޭގައި ބޭއްވުނު އިރު، ލައިސަންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ.
އުރީދޫ ފިންޓެކް މޯލްޑިވްސްގެ ފަރާތުން ލައިސަންސާ ހަވާލުވެލެއްވީ އެ ކުންފުނީގެ ބޯޑު މެމްބަރު އަދި އުރީދޫ މޯލްޑިވްސްގެ ޗެއާމަން ފާތިމާ އަލް ކުވާރީ އާއި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީއެވެ. މި ލައިސަންސްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ފައިނޭންޝަލް ސިސްޓަމް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެމްއެމްއޭ އިން ފާހަގަކުރެއެވެ.
މި ލައިސަންސްގެ ދަށުން ފްރީލާންސަރުންނާއި ކުދި ވިޔަފާރިވެރިންނަށް ޕޭޕާލް މެދުވެރިކޮށް ފައިސާ ލިބުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. އަދި ބޭރު ގައުމުތަކުން ރެމިޓެންސް ލިބުމުގެ ގާބިލްކަން ލިބުމާއެކު، އެމްފައިސާ ވޮލެޓަށް ސީދާ ފައިސާ ޖަމާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
“މި ލައިސަންސްގެ ސަބަބުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ކުރާ މަސައްކަތަށް އުރީދޫއިން ދޭ އަހްމިއްޔަތަށް އިތުރު ބާރެއް ލިބިގެންދާނެ،” އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
އެމްފައިސާގެ ޚިދުމަތްތަކުގެ ތެރޭގައި ބިލް ދެއްކުމާއި، މާޗަންޓް ކިއުއާރު ޓްރާންސެކްޝަންތަކާއި، ޑޮމެސްޓިކް ޓްރާންސްފަރގެ އިތުރުން އިންޓަނޭޝަނަލް ރެމިޓެންސް ހިމެނެއެވެ. މި ޚިދުމަތްތަކުގެ ސަބަބުން ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

