ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 2 ސިނގިރޭޓު ކޮންޓޭނަރު ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރެވުނު މިފްކޯގެ ޖެނެރަލް މެނޭޖަރު މުޢާޒު ޢަލީ، 30 ދުވަހުގެ މުއްދަތަށް ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މުޢާޒުގެ މައްސަލަ ތަޙުޤީޤީ އިދާރާތަކުން ބަލަމުންދާއިރު، އެ މައްސަލަ އިދާރީގޮތުން އެ ކުންފުނިން ވެސް ތަޙުޤީޤު ކުރަމުންދެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ މަސްއޫލިއްޔަތުތައް އެހެން މުވައްޒަފުންނާ ހަވާލުކޮށް، ކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
މިފްކޯގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، އެ ކުންފުނީގެ ޒިންމާދާރު މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ ނަޒާހަތްތެރިކަމާ ގުޅުންހުރި ކޮންމެ މައްސަލައެއް ވެސް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި، ކޯޕަރޭޓް ގަވަރނެންސްގެ އުސޫލުތަކާއި، ކުންފުނީގެ ސިޔާސަތުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މުޢާޒަކީ ނިމިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ އިސް މަޤާމެއް ފުރި ފަރާތެއް ކަމާއި، އެ މަޤާމުގައި ހުރި ދުވަސްވަރު ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލައެއްގައި އޭނާގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އޭސީސީން މި މަހުގެ 12 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ.
މި މައްސަލައިގައި މުޢާޒު ހައްޔަރުކޮށްފައިވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވިގެންނެވެ.

