ށ. މިލަންދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.
އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޒުހައިރެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓްތަކަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އަދި މި މަޝްރޫޢު ނިންމުމަށް އެޗްޑީސީއަށް ދީފައިވަނީ 280 ދުވަހުގެ މުއްދަތެކެވެ.
މިލަންދޫގައި މި ހައުސިން ޔުނިޓްތައް އިމާރާތްކުރުމުގެ މަޝްރޫޢަކީ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢެކެވެ.

