ށ. ޅައިމަގަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދީ، ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ފާހަގަކުރެއްވީ ޅައިމަގުގެ ރައްޔިތުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި ޅައިމަގުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެއެވެ. މީގެ ތެރޭގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ސިއްޙީ މަރުކަޒު އަދި ކައުންސިލް އިމާރާތް ތަރައްޤީކުރުން ހިމެނެއެވެ. އަދި ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ ކުނިކޮށީގެ މަސައްކަތް މިމަހުގެ ތެރޭގައި ފައްޓަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސިއްޙީ ދާއިރާއަށް ގެންނަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި، “އައު އިމާރާތް ހަދަނީ 4 އެނދުގެ ވޯޑަކާއި ނާރސް ސްޓޭޝަން، ލެބޯޓަރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް، އަދި ގަރާޖު ހިމެނޭ ގޮތަށް” ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިއްޙީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ފުޅާކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، ސްކޫލްގެ އައު އޮފީސް އިމާރާތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. “ސްކޫލްގެ އައު އިމާރާތުގައި ލައިބްރަރީ، ސައިންސް ރޫމް، ހެލްތް ރޫމް ހިމެނޭނެ. އެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާން. އަންނަ އަހަރު އެ މަޝްރޫޢު ވީހާވެސް ކުރީކޮޅު ފަށާނަން” ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ފުޓްސަލް ދަނޑު މަރާމާތުކޮށް، ސްވިމިންގ ޓްރެކެއް ތަރައްޤީކުރުމާއި، ފުލުހުންގެ އަމިއްލަ އިމާރާތެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކުރާ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަކުގެ ތެރެއިން ޅައިމަގުގައިވެސް ގޮތްޕެއް ޤާއިމުކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

