ޖިއޮގުރަފިކް ތަންތަނަށް ނަންކިޔުމުގެ އައު އުސޫލެއް މާލީ ވުޒާރާއިން އާންމުކޮށްފިއެވެ. މި އުޞޫލުގެ މަޤުޞަދަކީ ޖިއޮގުރަފިކް ތަންތަނަށް ނަން ކިޔުމަށްޓަކައި ނަން ފާސްކުރުމުގައި ބަލާނެ މިންގަނޑުތައް ކަނޑައެޅުމާއި، ނަން ކިޔުމުގައި ޢަމަލުކުރާނެ ހަމަތަކާއި އިޖުރާތުތައް ބަޔާންކުރުމެވެ.
މާލީ ވުޒާރާއިން ބުނީ މިއީ ޖިއޮގުރަފިކް ތަންތަނުގެ ތެރެއިން ވަކި ނަމެއް ދިނުމަށް ބޭނުންވާ ތަންތަނަށް ނަން ކިޔުމާއި، އަލަށް އުފައްދާ ތަންތަނަށް ނަން ކިޔުމާއި، ވަކި ނަމެއް ދީފައިނުވާ ތަންތަނަށް ނަން ކިޔުމާއި، ވަކި ތަނަކަށް ދީފައިވާ ނަމެއް ނުވަތަ އާންމުކޮށް ބޭނުންކުރަމުން އަންނަ ނަމެއް ރަސްމީކޮށް އެތަނަކަށް ކިޔުމުގައި ނުވަތަ ބޭނުންކުރަމުން އަންނަ ނަމެއް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމަށް އެކުލަވާލާފައިވާ އުސޫލެއްކަމަށެވެ.
މި އުސޫލުގެ ދަށުން ނަން ކިޔޭނެ ތަންތަން:
• ވަކި ނަމެއް ދިނުމަށް ބޭނުންވާ ތަންތަން
• އަލަށް އުފައްދާ ތަންތަން
• ވަކި ނަމެއް ކިޔައިފައިނުވާ ތަންތަން
• އެ ތަނަކަށް އާންމުކޮށް ބޭނުންކުރަމުން އަންނަ ނަމެއް ރަސްމީކޮށް އެ ތަނަކަށް ކިޔުމަށް ބޭނުންވާ ކޮންމެ ތަނެއް
• ދީފައިވާ ނަން ބަދަލުކުރުމަށް ބޭނުންވާ ތަންތަން
ނަން ފާސްކުރުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން:
• ދިވެހިބަހުން ކިޔާ ނަމެއް ކަމުގައިވުން
• އާންމު އިޖުތިމާޢީ މިންގަނޑުތަކަށާއި އަޚުލާޤީ މިންގަނޑުތަކަށް ފެތޭ ނަމެއް ކަމުގައިވުން
• ކިޔަން ފަސޭހަ، ރީތި، ސާދާ ނަމަކަށްވުން
• އެހެން ތަނަކަށް ކިޔައިފައިވާ ނަމަކަށް ނުވުން
• މީހަކަށް ކިޔާ ނަމަކަށް ނުވުން ނުވަތަ އެހެން ތަނަކަށް ކިޔާ ނަމަކަށް ނުވުން
މި އުސޫލުގެ ދަށުން ޖިއޮގުރަފީ ތަންތަނަށް ކިޔާނެ ނަންތައް ފާސްކުރުމުގެ ކަންކަން ކުރިއަށްގެންދާނީ އެކަމަށް ޚާއްސަކޮށްގެން މާލީ ވަޒީރު އުފައްދަވާ ޖިއޮގުރަފިކް ނަންތަކާބެހޭ ކޮމެޓީއަކުންނެވެ.
މި އުސޫލުގެ ދަށުން ޖިއޮގުރަފިކް ނަންތަކާބެހޭ ކޮމިޓީން ނަމެއް ފާސްކޮށް އެ ނަމެއް މާލީ ވުޒާރާއިން އިޢުލާނުކުރުމުން، އެ ނަމަކީ އެ ތަނަކަށް ކިޔާ ރަސްމީ ނަންކަމުގައި ހަމަޖެހިގެންދާނެއެވެ. އަދި ވަކި ތަނަކަށް ކިޔާނެ ނަމެއް ފާސްވުމަށްފަހު، އެ ތަނަކަށް ރަސްމީކޮށް މުޚާޠަބުކުރަންވާނީ އަދި ރަސްމީ ލިޔުންތަކުގައި ބޭނުންކުރަންވާނީވެސް ފާސްކޮށްފައިވާ ނަންކަމަށާއި، ރާއްޖޭގެ ރަސްމީ ޗާޓުގައި އެ ތަނެއް ފާހަގަކޮށް، އެ ތަނަކަށް ކިޔާ ނަމުގެ ގޮތުގައި އެ ނަމެއް ހިމަނަންވާނެކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

