ދިވެހިރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ދިވެހި ދަރިވަރުންގެ ބެޗު އިންޓާންޝިޕް ފުރިހަމަކުރުމަށް ފަހު، ޚިދުމަތަށް ނުކުންނަން ތައްޔާރުވެފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ހާމަކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ފުރަތަމަ ބެޗުގެ 20 ދަރިވަރުން ދަސްވެނިވެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 31 ވަނަ ދުވަހުއެވެ. މި ދަރިވަރުން ވަނީ އެއް އަހަރު ދުވަހުގެ އިންޓާންޝިޕް މިހާރު ފުރިހަމަކޮށްފައެވެ.
މިއީ ސިއްހީ ދާއިރާއަށް ލިބުނު ތާރީޚީ ކުރިއެރުމެއްގެ ގޮތުގައި އައިޖީއެމްއެޗުން ފާހަގަކޮށްފައިވެއެވެ. އަދި ބަލިމީހުންނަށް ފަރުވާ ދިނުމުގައި ނަމޫނާ ދައްކަން މި ޑޮކްޓަރުން ތައްޔާރަށް ތިބިކަން ވެސް އެ ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ.
2017 ވަނަ އަހަރު ރާއްޖޭގައި ސްކޫލް އޮފް މެޑިސިން ގާއިމުކުރުމުގެ ހުއްދަ ލިބި، 2019 ވަނަ އަހަރު ކިޔަވައިދޭން ފެށުނު މި ކޯހަކީ ފަސް އަހަރުގެ ކޯހެކެވެ. މި ކޯހުގައި ކިޔަވައިދެނީ މެލޭޝިއާގެ ޤައުމީ ޔުނިވަރސިޓީ، ކެބަންސާން މެލޭޝިއާ (ޔޫކޭއެމް)ގެ ކަރިކިއުލަމް ބޭނުންކޮށްގެންނެވެ.
މި ދަރިވަރުންގެ އަމަލީ ތަޖުރިބާގެ ގޮތުން ސާޖަރީ މޮޑިއުލް ހަދާފައިވަނީ އައިޖީއެމްއެޗްގައެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގައި ވެސް އަމަލީ ތަމްރީނުތައް ފުރިހަމަކޮށްފައިވެއެވެ. މަހަކު 1000 ޑޮލަރުގެ ފީއެއް ނަގާ މި ކޯސް، ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ވެސް ލިބެއެވެ.

