ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު މީހާ ހޯދުމަށް ޑްރޯން ބޭނުން ކުރަން ފަށައިފިއެވެ. ޑްރޯން ވަނީ މިއަދު ހެނދުނުން ފެށިގެން ހުޅުމާލެ އާއި މާލެ އަތޮޅު އިރުމަތީ ބިތުގެ ރަށްރަށުގެ އިރުން ދަތުރުކޮށްފައެވެ.
މި ހާދިސާގައި ގެއްލުނު ތިންވަނަ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ގެއްލުނު ތިންވަނަ މީހަކީ ވެސް ބިދޭސީއެކެވެ.
ބަންޑުން ޖަހާލި 100 ފޫޓުގެ ކޮޅުވެއްޓިން ގެއްލިގެން ފުރަތަމަ ހޯދީ ތިން މީހެކެވެ. އެއީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. އޭގެ ތެރެއިން ދިވެއްސަކާއި ބިދޭސީއަކު ކަނޑު އަޑިން އިއްޔެ ވަނީ ހޯދާފައެވެ. ހޯދިއިރު ވެސް ވަނީ ނިޔާވެފައެވެ. ނިޔާވި ދިވެއްސަކީ ގއ. ދާންދޫ ސަރުސޫނުގެ އަހްމަދު ޝިފާން 38އ. އެވެ.
މި ކޮޅުވެއްޓި ބަންޑުންޖަހާލާފައި ވަނީ ރީތިރަށް ރިސޯޓު ކައިރީ އޮންނަ ކ.އެރިޔަދޫ އަށް ދަތުރު ކުރަމުން ދަނިކޮށެވެ. މި އުޅަނދު ބަންޑުން ޖަހާލީ ކ. ތުޅާގިރި އިރުދެކުނުން 1.3 ނޯޓިކަލް މޭލުންނެވެ.

