ދަތުގެ ރިހުމަކީ އަންހެނުން ބުނާގޮތުންނަމަ ވިހެއުމުގެ ވޭނަށްވުރެ ބޮޑު ވޭނެއް ގަައިގައި ނާޅާނެއެވެ. މިއީ ދުނިޔޭގެ އެންމެން ގަބޫލުކުރާ ހަގީގަތެއްވެސްމެއެވެ. ހަމަ މިކަން މިހެން އޮތްނަމަވެސް ދަތެއްގައި ރިހުމުން ގައިގަ އަޅާ ވޭނަކީ ވިހެއުމުގެ ވޭން ފިޔަވައި ދެން އެވޭނަކަށް ކެތްކުރަން އެންމެ ހިތްވަރު ކުރަންޖެހޭ އަނެއް ވޭނެވެ. އިންތިހާއަށް ބޮޑު ތަދެކެވެ. ރިހުމެކެވެ. ދަތެއްގައި ރިއްސާނަމަ މުޅި މީހާއަށް އޭގެ އަސަރު ފޯރައެވެ. މިއަދުގެ ފަތިސްތަރީގައި، މިިކިޔައިދެނީ ދަތުގެ ރިއްސުމަށް ކަރަންފުލުން ދޭނެ ފަރުވާއެކެވެ.
ދަތުގެ ރިހުން ފަދަ ރިހުންތަކަށް ވަގުތީ ހައްލެއްގެ ގޮތުން އާއްމުކޮށް ބޭނުންކުރެވޭ ގުދުރަތީ ބޭހެއްގެ ގޮތުގައި ކަރަންފޫ ފާހަގަކުރެވެއެވެ. ކަރަންފޫގައި އެކުލެވޭ ޔޫޖެނޯލް (eugenol) ކިޔާ މާއްދާއަކީ ގުދުރަތީ އެނެސްތެޓިކެއްގެ ގޮތުގައި މަސައްކަތްކުރާ، ރިހުން ކަނޑުވާލުމުގެ ބާރު ލިބިފައިވާ މާއްދާއެކެވެ.
ކަރަންފޫ ބޭނުންކުރުމުގެ ފައިދާތައް
ކަރަންފޫގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން މައިގަނޑު 3 ފައިދާއެއް ފާހަގަ ކުރެވެއެވެ. އެއީ ރިހުން ކަނޑުވާލުމުގެ ބާރު، ދަތުގެ ހިރުގަނޑުން ދުޅަ ކަނޑުވާލުމުގެ ބާރު އަދި ބެކްޓީރިއާ މަރާލުމުގެ ބާރެވެ. މީގެ ސަބަބުން ދަތުގެ ރިހުމަށް ވަގުތީ ހައްލެއް ލިބި، ދަތުގައި ޖެހިފައިވާ މައްސަލައިގެ ސަބަބުން ކުރިމަތިވެފައިވާ ރިހުމާއި ވޭން ކުޑަކޮށް. ހިރުގަނޑާއި މޫނުމަތި ދުޅަވުންވެސް ރަނގަޅުކޮށްދެއެވެ.

ދަތުގެ ރިހުމަށް ކަރަންފޫ ބޭނުންކުރުން، ރިހުން އަވަހަށް ދުރުކޮށްލަދޭ އަވަސް ފަރުވާއެއް —-ފޮޓޯ:އަންވެއިސް
ކަރަންފޫ ބޭނުންކުރާނެ ގޮތް
ދަތުގެ ރިހުމަށް އެހީ ހޯދުމަށް ކަރަންފޫ ދެ ގޮތަކަށް ބޭނުން ކުރެވިދާނެއެވެ:
1. މުޅި ކަރަންފޫ ބޭނުންކުރުން:
- – ރިހޭ ދަތުގެ މަތީގައި ފިސްކޮށްފައި އޮތް 1 ނޫނީ 2 ކަރަންފޫ ބާއްވާށެވެ.
- – މަޑުމަޑުން ކަރަންފޫ ދެދަތްޕިލާ ޖައްސައި ބާރަށް ފިއްތާލައިގެން ކަރަންފުލުގެ ދިލަ އަސަރު ނެރެން މަސައްކަތް ކުރާށެވެ.
- – ކަރަންފޫ ހަފައި ހުސްވަންދެން އެދަތަށް ކަރަންފުލުގެ އަސަރު ފޯރާނެހެން ބޭނުން ކޮށްލާށެވެ
2. ކަރަންފޫ ތެޔޮ ބޭނުންކުރުން:
- – ކަރަންފުލުގެ ތެލާއި ކާށި ތެޔޮ ނުވަތަ އޮލިވް ތެލާއެކު އެއްކުރާށެވެ.
- – ސާފު ފޮތިކޮޅެއް ނުވަތަ ކޮޓަން ބަޑެއް މި އެއްކުރި ތެލުން ތެންމާލާށެވެ.
- – ރިހޭ ދަތުގައި މި ފޮތިކޮޅު ބާއްވާށެވެ.
- – 5-10 މިނެޓު ވަންދެން ބަހައްޓާށެވެ.
ސަމާލުކަން ދޭންޖެހޭ ކަންތައްތައް
ކަރަންފޫ ބޭނުންކުރުމުގައި ބައެއް މުހިންމު ކަންތައްތަކަށް ސަމާލުވާންޖެހެއެވެ. ކަރަންފޫ ތެޔޮ ދިރުވައިގެން ބޭނުންކުރުމުގެ ކުރިން އަތުގައި ޓެސްޓްކޮށްލުން މުހިންމެވެ. އަދި ކަރަންފޫ ތެޔޮ ދިރުވުމެއްނެތި ސީދާ ބޭނުންނުކުރުމަށް ސަމާލުވާންވާނެއެވެ. އެއީ ހަމުގައި ފިހުން ނުވަތަ ރިހުން އުފެދިދާނެތީއެވެ. އަދި ކަރަންފުލަކީ ވަގުތީ ހައްލެއް ކަމަށްވުމާއެކު، ދަތުގެ ރިހުން ދެމިގެންދާނަމަ ނުވަތަ ގަދަވާނަމަ ދަތުގެ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.

