މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެ ކުންފުނީގެ އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ.
އެމްޕީއެލްއިން ބުނާ ގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އެ ކުންފުނީގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކުރުވުމެވެ. އަދި މީގެ އިތުރުން މެރިޓައިމް ދާއިރާއަށް ދަރިވަރުން ޝައުޤުވެރިކުރުވައި، ޕޯޓުގެ މަސައްކަތްތަކާ މެދު ހޭލުންތެރިކުރުވުމެވެ.
މި އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ 9 ދާއިރާއަކަށް ހުޅުވާލާފައެވެ. މީގެ ތެރޭގައި މާކެޓިން އެންޑް ޕީއާރު، އެޑްމިނިސްޓްރޭޝަން، ފައިނޭންސް، އައިޓީ، ޕްރޮކިއުމެންޓް، މެރިން އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އިންޖިނިއަރިންގ އަދި ސިވިލް އިންޖިނިއަރިންގ ހިމެނެއެވެ.
އެމްޕީއެލްއިން ހާމަކުރި ގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ވަކި މެންޓަރެއް ހަމަޖައްސައިދޭނެއެވެ. މަސައްކަތުގެ މާޙައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މަޢުލޫމާތު ފޯރުކޮށްދިނުމުގައި މެންޓަރުން މުހިންމު ދައުރެއް އަދާކުރާނެއެވެ.
މި އެއްމަސްދުވަހުގެ އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވެނީ ސާނަވީ އިމްތިހާނުތައް ނިންމާފައިވާ އަދި އުމުރުން 18 އަހަރު ނުވާ ދަރިވަރުންނަށެވެ.

