ހުޅުމާލެ ފޭސް 1ގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއެއް އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 1ގެ ލޮޓް 10066 އެޕާޓްމަންޓުގައެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހެނދުނު 08:49 ހާއިރުއެވެ.
މަޢުލޫމާތު ލިބުމާއެކު ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް އަވަސް ގޮތެއްގައި ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ފަޔަރ ފައިޓަރުންގެ މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 09:25 ހާއިރުގައެވެ.
އެމްއެންޑީއެފުން ދެއްވާފައިވާ މަޢުލޫމާތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ އެޕާޓްމަންޓުގެ އެއް ކޮޓަރިއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަބަބާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

