ޙައްޖު ކޯޕަރޭޝަނުން 1447 ވަނަ އަހަރު ޙައްޖުވެރިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި އައު ޓެކްނޮލޮޖީއާއެކު ޚާއްސަ ޓެގެއް ތަޢާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަކީލު ވިދާޅުވީ، މި އައު ޓެގަކީ މިހާރު ބޭނުންކުރަމުންދާ ޓެގްތަކަށްވުރެ ޓެކްނޮލޮޖީގެ ގޮތުން އިތުރު ޚިދުމަތްތަކެއް ލިބިގެންދާނެ ޓެގެއް ކަމަށެވެ. އަދި މި ޓެގްތައް ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށް އޮތް އުމްރާ ދަތުރުތަކުގައި ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަނުން މީގެ ކުރިންވެސް ވަނީ ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓްރެކިންގ ޑިވައިސް ބޭނުންކޮށްފައެވެ.
“2024 ވަނަ އަހަރުވެސް ޙައްޖަށް ދިޔަ ގިނަ ބަޔަކު ގެއްލުނު ނަމަވެސް، ޓެގް ބޭނުންކޮށްގެން އެ ފަރާތްތައް ފަސޭހަކަމާއެކު ހޯދުނު. މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،” ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލު
1447 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށް ފާހަގަކުރައްވަމުން ޝަކީލު ވިދާޅުވީ، ޙައްޖުވެރިންގެ މެޑިކަލް ހެއްދުމާއި ޕާސްޕޯޓު ނެގުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި 1446 ވަނަ އަހަރުގެ ޙައްޖަކީ ރާއްޖޭގެ ތާރީޚުގައިވެސް ޙައްޖުގެ އެންމެހާ ކަންކަން އެންމެ ފުރިހަމައަށް ގެންދެވުނު އަހަރުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“މިހާރު ބޭނުންކުރާ ޓެގްތަކަށްވުރެ ޓެކްނޮލޮޖީ ގޮތުން ބަލާއިރު ރަނގަޅު ޚިދުމަތްތަކެއް އޭގައި ހިމެނޭ ޓެގަކަށް ދިޔުމަށްޓަކައި މިދަނީ މަސައްކަތްކުރަމުން. އެގޮތުން ކުރިއަށް އޮތް އުމްރާތަކުގައި އެ ޓެގް ޓެސްޓުކުރުމުގެ މަސައްކަތް ފަށާނަން. ޙައްޖުގައި އެ ޓެގްތައް ބޭނުންކުރުމުގެ ކުރިން ޓެސްޓުކުރެވި އެ ޚިދުމަތްތައް ބަލައި އޭގައި އެއްވެސް މައްސަލައެއް އުޅޭކަމަށްވާނަމަ ހައްލުކުރުމަށްވެސް ނުވަތަ އޭތި ބޭނުންކުރާނީތޯ ނުވަތަ ކުރިން ބޭނުންކުރަމުން އައި ޓެގްތައް ބޭނުންކުރާނީތޯވެސް މިދަނީ ބަލަމުން. ޓެކްނޮލޮޖީއަށް ބަލާއިރު ވަރަށް އެޑްވާންސް ޓެގްތަކެއް” ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލު
ޙައްޖު މޫސުމަކީ މައްކާގެ ޙަރަމްފުޅުގައި މީހުން އެންމެ ގިނަވާ މޫސުމަކަށްވެފައި، ޙައްޖަށް ވަޑައިގަންނަވާ ގިނަ ބޭފުޅުންނަކީ އުމުރުން ދުވަސްވީ ބޭފުޅުންކަމުން، ގެއްލުމުގެ މައްސަލަތައް ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ. މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަނުން މި އައު ޓެކްނޮލޮޖީ ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.

