އެކި ކުޅިވަރުތަކުގައި ގައުމީ ޓީމުތަކުގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ކޮންމެ މަހަކު ސަރުކާރުން ދޭ އެލަވަންސް 7000 ރުފިޔާއަށް އިތުރުކުރަން ނިންމައިފިއެވެ. މިއީ މިހާތަނަށް ދެމުން އައި 5000 ރުފިޔާގެ އެލަވަންސަށް 2000 ރުފިޔާ އިތުރުކުރުމަށްފަހުއެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުން، މި އަހަރުގެ މޭ މަހުން ފެށިގެން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި، އޮފިޝަލުންނާއި، “ޕެރަ” ކުޅުންތެރިންނަށް މި އިތުރުކުރެވުނު އެލަވަންސް ލިބެމުންދާނެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން މި އަހަރު ތަންފީޒުކުރާނެ ސިޔާސަތުތަކުގެ ތެރޭގައި ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭ އެލަވަންސް އިތުރުކުރުން ހިމެނޭ ކަމަށް ވިދާޅުވެފައެވެ.
ވުޒާރާއިން އަންގާފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 އިން ފެށިގެން އެސޯސިއޭޝަންތަކުގެ މުސާރަ ޝީޓްތަކުގައި 7000 ރުފިޔާގެ އެލަވަންސް ހިމަނަންޖެހޭނެއެވެ. އަދި 2025 ވަނަ އަހަރުގެ މޭ މަހުން ފެށިގެން އިތުރުކުރެވުނު މުސާރައިގެ ބާކީ ހުރި އަދަދު ކުޅުންތެރިންނަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މި ނިންމުމަކީ ގައުމީ ޓީމުތަކުގައި ކުޅޭ ކުޅުންތެރިންނަށް ލިބިގެންދާނެ ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމަށް ކުޅިވަރުގެ ދާއިރާގެ ފަރާތްތަކުން ފާހަގަކުރެއެވެ.

