ހދ. ނޭކުރެންދޫ "ނަސްރު" ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ހދ. ކުމުންދޫ ރައްޔިތުންނަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ "ނަސްރު" ބޯޓު އަޑިއަށް ގޮސްފައިވަނީ މި މަހުގެ 16 ވަނަ ދުވަހު، ޅ. އަލިގާގެ ދެކުނުން 3.3 މޭލު ދުރުގައެވެ.
ކުމުންދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި ހާދިސާއާ ގުޅިގެން ރަށުގެ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ލިބުނު މާލީ ގެއްލުން ދެނެގަތުމަށްޓަކައި، އެކަމަށް ޚާއްސަކޮށްފައިވާ ފޯމެއް މެދުވެރިކޮށް މައުލޫމާތު ހޯދަން ބޭނުންވާ ކަމަށެވެ.
މި މައުލޫމާތު އެއްކުރެވެނީ ކައުންސިލުން ތައްޔާރުކުރަމުންދާ ރިޕޯޓަކަށް ކަމަށާއި، މި ރިޕޯޓް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ހިއްސާކުރެވޭނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ގެއްލުމުގެ މައުލޫމާތު ހޯދުމަށް ތައްޔާރުކޮށްފައިވާ (މި ލިންކަށް ފިއްތާލައްވާ) މައުލޫމާތު ފޯމު ފުރިހަމަކޮށް ހުށަހެޅުމުގެ ސުންގަޑިއެއްގެ ގޮތުގައި ކައުންސިލުން ވަނީ އަންނަ ހޯމަ ދުވަސް ކަނޑައަޅާފައެވެ.

