އެކި މައްސަލަތަކުގައި މީގެ ކުރިން 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މީހަކު، ލެޕްޓޮޕެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ތ. ތިމަރަފުށީ ލަކީހައުސް / ސޮފްވާން އަލީ އެވެ. އޭނާގެ މައްޗަށް މިފަހަރު ތުހުމަތު ކުރެވެނީ ވައްކަން ކުރުމާއި އެހެން މީހެއްގެ މުދަލަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ތުހުމަތުގައެވެ.
މި މައްސަލައިގައި ސޮފްވާން ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައި ވެއެވެ.
ފުލުހުންގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ސޮފްވާނަކީ އެކިއެކި މައްސަލަތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށް މުއްދަތު ޖަހާފައިވާ މީހެކެވެ. މީގެ ތެރޭގައި ބިދޭސީއެއްގެ އަތުން ފޭރުމުގެ މައްސަލައަކާއި، ޓްރިމަރަކާއި ފަސް ފޮށި ގަލަން ވަގަށް ނެގި މައްސަލަތައް ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން އިތުރު ތަހުގީގުތައް ފުލުހުން ކުރިއަށް ގެންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

