ބ. އަތޮޅު ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގުޅިގެން ކުރިއަށް ގެންދިޔަ “ބާނި” ހަރަކާތުގައި އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލައި، ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ. މާޅޮސްމަޑުލު ދެކުނުބުރީ ވިލިނގިލިފަރު ފިނޮޅު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޖުމްލަ 623 މީހުން ބައިވެރިވެފައިވެއެވެ.
ބާނި އިވެންޓު ކުރިއަށް ގެންގޮސްފައިވަނީ 13 ރަށަކާއި 15 ރިސޯޓެއްގެ ބައިވެރިވުމާއެކުގައެވެ. މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ރިސޯޓު މުވައްޒަފުންނާއި، ފަތުރުވެރިންނާއި އެ އަތޮޅުގެ އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ބައެއް ހިމެނެއެވެ. މި ރެކޯޑު ގާއިމުކުރުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން ރާއްޖެއަށް ވަޑައިގެން ހުންނެވި މަންދޫބެކެވެ.
ދުނިޔޭގެ ރެކޯޑު ފޮތުގެ އިތުރުން މި ރެކޯޑު ވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބަލަހައްޓަމުން އަންނަ ރާއްޖޭގެ ރެކޯޑު ފޮތުންވެސް ޖާގަ ހޯދާފައެވެ. “މި ހަރަކާތަކީ ކަނޑުފަޅުގެ ފަތުރުވެރިކަން ދެމެހެއްޓުމުގައި ދުނިޔޭގެ އެންމެ އިސް ގައުމުގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ބާރުވެރިކޮށްދޭނެ ހަރަކާތެއް،” ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.
ބ. އޭދަފުއްޓާ 10 މިނެޓު ދުރުމިނުގައި އޮންނަ ވިލިނގިލިފަރު ފިނޮޅަކީ ވަރަށް ގިނަ އަދަދަކަށް ކިރުދޫނި ޖަމާވާ ފިނޮޅެކެވެ. މި ފިނޮޅުގެ ވަށައިގެންވާ ސަރަހައްދަކީ އެކި ކުލަކުލައިގެ މުރަކައާއި ކަނޑުފަޅުގެ އެކި ދިރުންތަކުން މުއްސަނދިކަން ލިބިފައިވާ ރީތި ސަރަހައްދެކެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި މި ހަރަކާތުން ދައްކުވައިދެނީ ފަތުރުވެރިކަމާއި ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމަށް އެކުގައި ކުރިއެރުން ހޯދިދާނެކަމާއި، ތިމާވެއްޓަށް ހޭލުންތެރި މުޖުތަމައުއެއް ބިނާކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިވުމާއެކު މަސައްކަތް ކުރެވިދާނެކަމުގެ ނަމޫނާއެކެވެ.

