ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމާއި ކުނި މެނޭޖްކުރުމުގެ ދާއިރާއިން ކުރިއެރުންތައް ހޯދުމަށް ބޭއްވި ދުނިޔޭގެ ޒީރޯ ވޭސްޓް ފޯރަމްގައި ދިވެހިރާއްޖެއިން ގައުމީ ބަޔާން އިއްވައި، ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތައް ހާމަކޮށްފިއެވެ.
ތުރުކީ ޖުމްހޫރިއްޔާގެ ފަސްޓް ލޭޑީ އަދި ޒީރޯ ވޭސްޓް ފައުންޑޭޝަންގެ ޝަރަފުވެރި ރައީސް، އިއްޒަތްތެރި އެމިނެ އެރްދޯއަންގެ ލީޑަރޝިޕްގެ ދަށުން ކުރިއަށްދިޔަ މި ފޯރަމްގައި، 63 ގައުމެއްގެ ތިމާވެށީގެ ވަޒީރުންނާއި މަންދޫބުން ބައިވެރިވެ، އެންމެ ފަހުގެ ހޯދުންތަކާއި ތަޖުރިބާތައް ހިއްސާކޮށްފައިވެއެވެ.
ދިވެހިރާއްޖެ ތަމްސީލުކުރެއްވި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ނިޒާމު ވަނީ ގައުމީ ބަޔާން އިއްވަވައި، ރާއްޖެއަކީ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ތިމާވެށީގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ މިންވަރު ފާހަގަކުރައްވާފައެވެ. “ރާއްޖެއަކީ ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ ކަންކަމުގެ ސަބަބުން އެންމެ ބޮޑަށް ހިރާސް ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް” ކަމުގައި އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތަކުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ގިރާ ސަރަހައްދުތައް އިތުރުވުމާއި، އަދި ކުނި މެނޭޖްކުރުމުގެ ދަތިތައް ހިމެނެއެވެ. މި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ޒީރޯ ވޭސްޓް އުސޫލުތަކަށް ބަރޯސާވެ، ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެއިން ދެމުންދާ އިސްކަންވެސް ނިޒާމު ވަނީ ފާހަގަކުރައްވާފައެވެ.
ފޯރަމްގައި ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި، ކުނި މަދުކުރުމާއި، ކުނި ރިސައިކަލްކުރުމާއި، އަދި ތިމާވެއްޓަށް ގެއްލުން ނުލިބޭނެ ގޮތްތަކަށް އުފެއްދުންތައް ބައްޓަންކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. ޒީރޯ ވޭސްޓް ފައުންޑޭޝަންގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަގުފަހިކޮށްދިނުމެވެ.

