ބަންގްލަދޭޝްގެ މައި ވައިގެ ބަނދަރު ކަމަށްވާ ހަޒްރަތު ޝާހް ޖަލާލް އިންޓަނޭޝަނަލް އެއަރޕޯޓުގެ ކާގޯ ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލުމަށްފަހު، ވައިގެ ބަނދަރުގެ ޚިދުމަތްތައް އަލުން ފަށައިފިއެވެ.
އޮކްޓޯބަރު 18 ވަނަ ދުވަހު ރޯވި އަލިފާން ނިއްވުމަށް 37 ޔުނިޓެއްގެ އިތުރުން، ބަންގްލަދޭޝްގެ އަސްކަރިއްޔާ، ކަނޑުގެ ސިފައިން އަދި ވައިގެ ސިފައިން ވެސް ބައިވެރިވިއެވެ. އެ ޤައުމުގެ ސިވިލް އޭވިއޭޝަން އަދި ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެފައިވަނީ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށެވެ.
މި ހާދިސާގެ ސަބަބުން ވައިގެ ބަނދަރުގެ ޚިދުމަތްތައް ހަ ގަޑިއިރަށް މެދުކެނޑުނެވެ. މި މުއްދަތުގައި ފްލައިޓްތައް ފުރުމާއި ޖެއްސުމަށް ބުރޫއަރައި، އެހެނިހެން މަސައްކަތްތައް ވެސް ހުއްޓުމަކަށް އައެވެ.
ބަންގްލަދޭޝްގެ އިންޓަނޭޝަނަލް އެއަރ އެކްސްޕްރެސް އެސޯސިއޭޝަންގެ ރައީސް، ކަބީރު އަޙްމަދުގެ ބަހުން، “އަލިފާނުގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު މިހާރު ބުނަން އަދި އަވަސްވާނެ” ނަމަވެސް، މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ ދާއިރާއިން އެކަނި ވެސް އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
މިއީ މި ހަފްތާގައި ބަންގްލަދޭޝްގައި ހިނގި އަލިފާނުގެ ތިންވަނަ ބޮޑު ހާދިސާއެވެ. އޮކްޓޯބަރު 13 ވަނަ ދުވަހު ހެދުން އުފައްދާ ކާރުޚާނާއެއްގައި ރޯވި އަލިފާނުގައި 15 މީހުން މަރުވިއެވެ. އަދި އޮކްޓޯބަރު 16 ވަނަ ދުވަހު ވެސް އެހެން ހެދުން ކާރުޚާނާއެއްގައި އަލިފާން ރޯވިއެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ބުނެފައިވަނީ މި ހުރިހާ ހާދިސާއެއް ވެސް ތަޙުޤީޤު ކުރަމުންދާ ކަމަށާއި، އަލިފާން ރޯކުރި ކަމަށް ސާބިތުވެއްޖެނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ޤައުމުގެ ސިޔާސީ މަރުޙަލާތަކަށް ހުރަސްއެޅުމަށް އެއްވެސް ޖިނާއީ ކުށެއް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް އެ ސަރުކާރުން ބުނެފައިވެއެވެ.

