ވަޅުޖެހިފައި އޮތް ކުޅިވަރުގެ ދާއިރާ މިސަރުކާރުން ނަގާ ކޮޅަށް ޖަހާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެ އެވެ.
މެންބަރު މުޙައްމަދު މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުން އެކި ކުޅިވަރުތަކުގައި ގައުމީ ޓީމުތަކުގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ދެމުން އަންނަ މަހުވަރު އެލަވަންސް 5،000 ރުފިޔާއިން 7،000 ރުފިޔާއަށް ބޮޑުކުރަން ނިންމި ނިންމުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުޙައްމަދު ވިދާޅުވެފައިވަނީ ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ޤައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ އިނާޔަތް ފުރަތަމަ ފަހަރަށް ބޮޑުކޮށް ކުޅިވަރުގެ އާއިލާއަށް އުފާވެރިކަމާއި އާރޯކަން ގެނެސްދެއްވާފައިވާ ކަމަށެވެ. “އިރާދަކުރެއްވިއްޔާ ވަޅުޖެހިފައި އޮތް ކުޅިވަރުގެ ދާއިރާ މިސަރުކާރުން ނަގާ ކޮޅަށްޖަހާނެ،” މުޙައްމަދު ވިދާޅުވިއެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން މި އަހަރު ތަންފީޒުކުރާނެ ސިޔާސަތުތަކުގެ ތެރޭގައި ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭ އެލަވަންސް އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުން، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 އިން ފެށިގެން އެސޯސިއޭޝަންތަކުގެ މުސާރަ ޝީޓްތަކުގައި 7،000 ރުފިޔާގެ އެލަވަންސް ހިމަނަންޖެހޭނެއެވެ. އަދި 2025 ވަނަ އަހަރުގެ މޭ މަހުން ފެށިގެން އިތުރުކުރެވުނު މުސާރައިގެ ބާކީ ހުރި އަދަދު ކުޅުންތެރިންނަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވުޒާރާއިން ހާމަކޮށްފައިވެއެވެ.

