ދުވަހަކީ ވައިރޯޅި މަޑު އުޑުމަތި ސާފު ދުވަހެކެވެ. އާދައިގެ މަތީން ޒާޔާ އިނީ އައި.ޖީ.އެމް.އެޗާއި ދިމާ އެއްގަމު ތޮށިގަނޑު މަތީ އިށީދެލައިގެންނެވެ. އޭނާ އިނީ އޮއްސެމުންދާ އިރަށް ނަޒަރު ހުއްޓާލައިގެން ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ޒާޔާގެ މޫނު މަތިން ފެންނަނީ ހިތާމައިގެ އަސަރެވެ. އެ މޫނު ވަނީ މިލާ މޯޅިވެފައެވެ. ޒާޔާއަށް ކޮންމެ އަހަރަކު ވެސް 15 އޮގަސްޓަކީ ޚާއްސަ ދުވަހެކެވެ. އެ ދުވަހުގެ އިރު އޮއްސޭ ވަގުތަކީ އޭނާއަށް ޚާއްސަ ވަގުތެކެވެ. ޒާޔާ އިނީ މީގެ ފަސް އަހަރު ކުރިން އެނާ އާއި އާރިފު އެންމެ ފަހުން ބައްދަލުވީ ތަނުގައެވެ. އޮގަސްޓް މަހުގެ ފަނަރަ އަކީ މާޔާއަށް އާރިފު ލޯބި ހުށައެޅި ދުވަހެވެ. މާޔާގެ ހިތުން އެދުވަސް ކީއްކުރަންތޯއެވެ. އާރިފުގެ ހަނދާން ނުފޮހެވޭނެކަން ގައިމެވެ. އުޅެ އުޅެ ވެސް އެ ޚިޔާލުތަކަކާއި ދުރެއް ނުވެވުނެވެ.
ޒާޔާ މަސައްްކަތް ކުރަމުން ގެންދިޔައީ އަމީނިއްޔާ ސްކޫލްގެ އާޓް ޓީޗަރަކަށެވެ. އޭނާގެ ހިނިތުންވުމުގެ ނިވަލުގައި ފޮރުވިފައިވާ ހިތާމައާއި ހިތްދަތިކަން އެއްވެސް ފަރާތަކަށް އެނގޭކަށް ޒާޔާާ ބޭނުމެއް ނޫނެވެ. އެހެން މީހަކަށް އޭނާގެ ސަބަބުން ބުރައަކަށް ވުމަށް ޒާޔާާ ބޭނުން ނުވާތީއެެވެ. އޭނާގެ ހިމޭން ދުނިޔޭގައި އާރިފަށް ނޫނީ ފުރުސަތެއް ދޭން ބޭނުން ނުވާތީއެވެ. އެތަކެއް މީހުންގެ ހުށައެޅުމަށް ޒާޔާ ދިޔައީ ނޫނެކޭ ބުނަމުންނެވެ.
ފަސް އަހަރު ފާއިތުވެގެން ދިޔަ ނަމަވެސް އެއްވެސް ފޫހިކަމެއް ނެތި ޒާޔާ އެތަނަށް ދަނީ ސަބަބެއް އޮވެގެންނެވެ. އެއީ އެންމެ ފަހުން އާރިފު އާއި ދިމާވި މަންޒިލަށް ވާތީ އެކަންޏެއް ނޫނެވެ. އެ މަންޒިލަކީ އެ ދެ ލޯބި ވެރިން އުފާވެރިކަމާއި ހިނިތުން ވުން ހިއްސާކުރި މަހައްލެވެ. ލޯބީގެ އަހުދުތަކާއި ވައުދުތައް ބަންޑުންކޮށްލި މަކާނެވެ. އެ ލޯތްބަށް ފަސް އަހަރު ވެގެން ދިޔަ އިރު ވެސް ޒާޔާ އަކަށް އާރިފުގެ މަތިން ހަނދާން ނައްތަލެއް ނުލެވުނެވެ. އާރިފުގެ އެ ރީތި ލޮލެވެ. އެ އަސަރުގަދަ އަޑެވެ. އާރިފުގެ އެ ހުންނަ ސަކަ މިޒާޖެވެ. މޫޑީ ވެފައި ހުނަން ވަގުތު ތަކުގައި ވެސް އާރިފު އެ ކޮށްލާ ސަމާސާއެވެ.
ޒާޔާ އަށް އާރިފު ގެއްލުނީ ކުއްލިއަކަށެވެ. އޭނާ ރަށަށް ބަދަލުވީ ޒާޔާއަށް އަންގާވެސް ނުލައެވެ. އެހާ ބޭއިންސާފުކޮށް ޒާޔާއާއި ދޭތެރޭ އާރިފު ކަންތައް ކުރާނެކަމަށް ޒާޔާ ދުވަހަކު ވެސް ހިޔެއް ނުކުރެއެވެ. އޭނާގެ ތެދުވެރި ލޯބީގައި ކޮޅުފައިން ޖަހާފާނެކަމަށް ހިޔާލަށް ވެސް ނުގެނެވެއެވެ. އާރިފުގެ ހަބަރެއް ވޭތޯ ޒާޔާ ކުރި މަސައްކަތުން އެނގުނީ އޭނާ ގެ ދިރިއުޅުން ރަށަށް ބަދަލުކުރި ކަމެވެ. ރަށުން ކުއްލި ގޮތަކަށް މީހަކާއި ކައިވެނި ކުރި ކަމެވެ. އެ ހާބޮޑު ކެއްސެއް ޒާޔާއަށް ދިނީ ކީއްވެބާއޭ ޒާޔާ މިއަދު ވެސް ހިތަށް އަރައެވެ. އެހެނަސް ޒާޔާއަށް ނުއެގުނީ ކުއްލިއަކަށް އާރިފުގެ ދިރިއުޅުމުގައި ކަންކަން މި ގޮތަށް ފުރޮޅެން ޖެހުނު ސަބަބެވެ. ޒާޔާއަށް އާރިފު ބޭވަފާތެރިވި ސަބަބެވެ. ޒާޔާ ތެދުވެރި ލޯބީގައި ކޮޅުފައިން ޖަހާ ޒާޔާ ހިތްދަތި ކުރުވަންޖެހުނު ސަބަބެވެ. އެއްވެސް ކަމެއް ޒާޔާއަށް އޮޅުން ފިލުވާ ނުދީ ޒާޔާއާއި ވަކިވި ސަބަބެވެ. އެ ހުރިހާ ކަމަކުން ޒާޔާ ހިތަށް ތަދުކުރެއެވެ. ހިތުގައި ނުފިލާ ރިހުމެއް އުފެދިފައިވެއެވެ. ހިތާމައާއި ހިތްދަތި ވޭނީ ކެކުޅުމެއް ބަރުދާސްތު ކުރަން ޖެހުނެވެ. ޒާޔާ ހިތް ބުނަމުން ދިޔީ އާރިފު ޒާޔާއަށް ބޭވަފާތެރި ނުވާ ކަމަށެވެ. ޒާޔާ ދިރިއުޅެމުން ދިޔައީ އެ ހުވަފެނީ ހިޔާލުތަކާއި އެކުގައެވެ. އާރިފުއާއި އެކު ހިޔާލީ ދިރިއުޅުމެއްގައެވެ.
ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން ޒާޔާ އިނީ އައި.ޖީ.އެމް.އެޗް އާއި ދިމާ ތޮށިގަނޑު މަތީގައި އިށީދެލައިގެންނެވެ. ބައެއް މީހުން ފޮޓޯ ނެމުމުގައި މަސްއޫލުވެ އުޅެއެވެ. އަނެއް ބަޔަކު ކުޑަކުދިންގެ އަތުގައި ހިފައިގެން ހަވީރު ފިންޏަށް ހިނގާލަން ނުކުމެ އުޅެއެވެ. ފިރިހެނެްގެ އަތުގައި ހިފާލައިގެން ދާ ކުޑަ ކުއްޖެއް ފެނުމާއި އެކު އެ ދިމާއަށް ޒާޔާގެ ނަޒަރު ހުއްޓުނެވެ. އޭނާގެ ޚިޔާލީ ދުނިޔެއަށް ޣަރަގު ކޮށްލީ އެ މަންޒަރެވެ. އެ ތަން ފެނުމާއި އެކު އޭނާގެ ޚީޔާލީ ވާފަށް ގުޅުވާލަނީ އާރިފުގެ ހަނދާންތަކާއެވެ. މިއަދު އާރިފު އާއި އެކު ޒަވާޖީ ހަޔާތެއް ފެށުނު ނަމަ އެ ދެމީހުންގެ ވެސް އެ އުމުރުގެ ކުއްޖެއް ހުރީސްކަން ގައިމެވެ. އެ ދެ މީހުން ކިހާ އުފާވެރިކޮށް އުޅުނީސް ހެއްޔެވެ. އެހެނަސް އެއީ ކުލަޖެހުމެއް ނެތް ޚިޔާލެއްކަން މޭރުން ވުމާއި އެކު ޒާޔާގެ ލޮލުން ކަރުނަ ނިރާލިއެވެ. ގިސްލުމުގެ ވޭނީ އާހެއް ބޭ އިހްތިޔާރުގައި އޭނާގެ އަނގައިން ބޭރުވިއެވެ. ކުލަ ޖެހުމެއް ނެތް އެ ޚިޔާލުތައް ދޫކޮށްލާ އެ މަންޒިލާއި އަބަދަށް އަލްވަދާއު ކިޔުމަށް ނިޔަތްގަނެ ގެއަށް ދިއުމަށް ހިނގައިގަތްތަނުން ޒާޔާ ސިހިގެން ދިޔައީ ކުޑަ ކުއްޖެއް އޭނާގެ އަތުގައި ހިފުމުންނެވެ.
“ކޮއްކޮގެ ބޯލް ދީބަލަ؟” ޒާޔާ ކައިރީގައި އޮތް ބޯޅައަށް އިޝާރާތް ކޮށްލަމުން އެ ކުއްޖާ ބުނެލިއެެވެ.
ޒާޔާ ބޯޅަ ނަގަމުން އެ ކުއްޖާއަށް ބަލާލިއެވެ. އޭނާގެ ހިތް ހުއްޓުނު ކަހަލައެވެ. މީހާ ފިނިވެެގެން ދިޔައެވެ. ބުނާނެ އެއްޗެއް ނުއެގި ގަނޑުވެފައި ހުރެވުނެވެ.
“އަރީކޮގެ ބޯލް ނުދެންތަ؟” ޒާޔާ ހޭވެރިކަންވީ ކުޑަކުއްޖާގެ ބޯލް ދިނުމަށް އެދުމުންނެވެ.
ހިނިތުން ވެލަމުން ޒާޔާ ބޯލް ދިއްކޮށްލިއެވެ.
“ކޮއްކޮގެ ބައްޕައަށް ކިޔަނީ ކޮންނަމެއް؟” ހިނިތުން ވެލަމުން ޒާޔާ އަހައިލިއެވެ.
“އާރިފު… ދައްތަ ދަންނަންތަ ކޮއްކޮގެ ބައްޕަ،”
ޒާޔާއަށް ތެޅެގަނެވުނެވެ. މޭ ފިތޭ ހެން ހީވިއެވެ. ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. ޒާޔާ އަށް ހީވަނީއެއް ނޫނެވެ. ޔަގީނެވެ. އެއީ ހަމަ ޒާޔާގެ އާރިފުއެވެ. އާރިފުގެ ދަރިއެކެވެ. އެ މޫނެވެ. އެ ލޮލެވެ. އެ ހިނިތުންވުމެވެ. އެ ސޫރަ ޒާޔާއަށް އޮޅޭނީ ކިހިނަކުން ހެއްޔެވެ. އެތައް ދުވަހެއް ފަހުން ޒާޔާއަށް މި ދިމާވީ ކުޑަ ކުޑަ އާރިފު އާއެވެ. ޒާޔާ އެކި ދިމަދިމާއަށް ނަޒަރު ހިންގާލިއެވެ. އޭރު އަންހެނަކު އެމީހުންނާއި ދިމާއަށް އާދެއެވެ.
ޒާޔާ ފެނުމުން އެ އަންހެން މީހާ ހުއްޓުން އެރިކަން ޒާޔާއަށް ފާހަގަވިއެވެ. ހިނގަމުން ދިޔަ ހިނގުމަށް މަޑުޖެހުމެއް އައިގަން އެނގުނެވެ. ޒާޔާ ކައިރީ ހުއްޓެމުން އެ އަންހެން މީހާ ވާހަކަދެއްކިއެވެ.
“ވަރަށް އަނގަ ގަދަ ދޯ…އެއީ އަރީއްކޮގެ އާދަ…ނުދަންނަ މީހަކާ ވެސް ވާހަކަ ދައްކާނެ…އަރީއްކޮ ހުންނާނީ އޭނަގެ ބައްޕަގެ މިޒާޖު،” އެ އަންހެންމީހާ ވާހަކަ ދެއްކީ ހިނިތުންވެލަމުންނެވެ.
“ތެދެއް …މީނަ ގެ ބައްޕައަށް ކިޔަނީ އާރިފުތަ؟”
“ރަގަނޅަށް އެބުނީ …ޒާޔާ ގެ ޚާއްސަ މީހެއްދޯ އެއީ..” ޒާޔާގެ މޫނަށް ބަލާލަމުން އެ އަންހެން މީހާ އެހެން ބުނުމުން ޒާޔާއަށް ތެޅިގަނެވުނެވެ.
ޒާޔާގެ ނަން އެމީހާއަށް އެނގުނީ ކީއްވެ ހެއްޔެވެ. އާރިފް އާއި ޒާޔާގެ ގުޅުމަކީ މާ ގިނަ ބަޔަކަށް އެނގޭނެ ގުޅުމެއް ނޫނެވެ. އެހެންކަމުން ނުދަންނަ މީހަކު އެހެން ބުނުމުން ޒާޔާ ހައިރާން ވީއެވެ.
“އެޔޯ…ކީއްވެ ތިހެންތި ބުނީ!” ހައިރާންކަން އެކުލެވޭ ގޮތް ދައްްކުވަމުން ޒާޔާ ބުނެލިއެވެ.
“އަހަންނަށް ހުރިހާ އެއްޗެއް ވެސް އެނގޭ …އާރިފުގެ މީހަކީ ތީ …ޒާޔާ …ތީ އޭނާގެ ލޯބިވެރިޔާއެއް ނޫންތަ؟”
“އާރިފު އެއީ އަހަރެންގެ ލޯބިވެރިޔެއް…އޭނާ އަހަރެންނަށް ބޭވަފާތެރިވީތާ ކޮން ދުވަހެއް….އޭނާ ނުފެންނަތާ ވެސް އެތައް ދުވަހެއް…ކިހިނެއް ތީނައަށް ތި ހުރިހާ އެއްޗެއް އެނގެނީ،” އިވެމުންދިޔަ ވާހަކަ ތަކުން ޒާޔާގެ ހައިރާންކަން ވީ އިތުރެވެ.
“ނޫން…އަދި ތި ވިސްނެނީ ގޯސްކޮށް އެއީ އޭނާގެ މަޖުބޫރީ ހާލަތު …. އޭނަ ރަށަށް ދިޔައީ އޭނަގެ މައިންބަަފައިންގެ އެދުމުގެ މަތިން އަހަންނާ ކައިވެނިކުރަން…މައިންބަފައިންގެ އެދުމަށް ދެކޮޅު ނުހަދަންވެގެން އާރިފު އަހަންނާއި ކައިވެނި ކުރީ….އެކަމަކު އޭނަ ލޯބި ވަނީ ޒާޔާ ދެކެ. …އެކަން އަހަންނަށް އެނގޭ…. ވަގުތެއް ވެއްޖެއްޔާ ސިއްރުން އިންނާނީ ޒާޔާގެ ފޮޓޯއަށް ބަލަން،” އެ އަންހެން މީހާ ވާހަކަ ދައްކަމުން ދިޔަ އިރު ޒާޔާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.
“ދެން މިހާރު އާރިފު ކޮބާ؟” ބެދިފައިވާ އަޑަކުން ޒާޔާއަށް ބުނެލެވުނެވެ.
“ނިޔާވެއްޖެ،”
“ކީކޭ …ނިޔާވީއޭ،” ލިބުނު ސިހުންގެނުވި ޚަބަރުން ޒާޔާ އަށް ހުރެވުންތަން ވެސް ނޭނގުނެވެ. ގިސްލާ ރޯންފެށުނެވެ.
“ހޫމް…ސައިކަލު އެކްސިޑެއްޓެއްގައި މީގެ ދެ މަސް ކުރިން އަހަރެމެންނާއި އާރިފު އަބަދުގެ އަބަދަށް ވަކި ވެއްޖެ،” އެ އަންހެން މީހާ ކުޑަ ކުޑަ އަރީކްގެ ގައިގާ ބައްދާލިއެވެ.
“ވަރަށް ދެރަވެއްޖެ.. ދެ މައިންނަށް އުފާވެރި ދުވަސްތަކަަކަށް އެދެން…ރަހުމަތްތެރިއެއްގެ ގޮތުގައި ބަލާނެކަމަށް ހީކުރަން،” ސަލާމްކޮށްލަމުން ޒާޔާ ހިނިތުންވެވޭތޯ މަސައްކަތް ކުރިއެވެ.
ޔާޒާ ގެއަށް ދިއުމަށް ހިނގައިގަތެވެ. ހިތްހަމަ ޖެހުމެއް މިއަދު ޒާޔާގެ ނުތަނަވަސް ހިތަށް ވެރިވެއްޖެއެވެ. ފުރަތަމަ ފެނިލުމާއެކު، ޒާޔާގެ ހިތުން އާރިފަށް ދެވުނު ލޯބީގެ އަގެއް ނެތް ކަމަށް ނިންމައި ދެން އެ މަންޒިލަށް އަލްވަދާއު ކިޔަމުން ގެއަށް ދިއުމަށް ހިނގައިގަތް ޒާޔާއަށް ލިބުނީ ހިތްހަމަ ޖެހޭ ފަދަ ޚަބަރެކެވެ. އާރިފު އޭނާއަށް ދުވަހަކު ވެސް ބޭވަފާތެރި ނުވާ ކަމުގެ އުފާވެރި ޚަބަރެވެ. އެ ހިތް ހަމަ ޖެހުމާއެކު ޒާޔާ ހިނގަމުން ދިޔަ ނަމަވެސް އާރިފުގެ ވަކިވެ ދިއުން ވީ އޭނާއަށް ލިބުނު ހިތާމަ ވެރި ހިތް ދަތިވި ޚަބަރަކަށެވެ. އޭނާ ގެ މިހާރުގެ އުންމީދަކީ ދެން އޮތް ދުނިޔޭގައި އާރިފާ ބައްދަލު ވުމެވެ. އޭނާއާއި އެކުގައި ވުމެވެ.
=ނިމުނީ=

